ރިޔާސީ އިންތިހާބުގެ ނަތީޖާއިން ބަލިވުމުން އެންމެ ބޮޑު ހިތާމައެއް ކުރައްވަނީ އެމަނިކުފާންގެ އަނބިކަނބަލުންނާއި ދަރިންކޮޅު ކަމަށާއި އެމީހުންނަށް ދައްކާނީ ކޮން މޫނެއްތޯ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އިއްޔެ ބޭއްވި ޕީޕީއެމް ކުއްލި ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ވަރަށް އަސަރާއި އެކު އެމަނިކުފާނުގެ ހިތު ތެރޭގައިވާ ޖަޒުބާތުވަނީ ބޭރު ކުރައްވާފައެވެ، ޕީޕީއެމްގެ މެމްބަރުންގެ ކުރިފުޅު މަތީ ހުންނަވައި، އެބޭފުޅުންނަށާއި މުޅި ގައުމުގެ އެންމެހާ ރައްޔިތުންނަށް ޝަކުވާ ދަންނަވާފައިވަނީ އިންތިހާބު ނާކާމިޔާބުވީ ގޮތާއި މެދުއެވެ.
ރައިސް ވިދާޅުވީ އެމަނިކުފާންގެ އަނބިކަބަލުންނާއި "ދަރިންކޮޅު" ތިއްބެވީ ފުން ހިތާމައެއްގައި ކަމަށެވެ. އަދި މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީޕީއެމް ސަޕޯޓަރުން އެމަނިކުފާނަށް މެސެޖު ކުރައްވައި އިންތިހާބުގެ ކަންކަމުގެ ސުވާލު އުފައްދަވަމުން އަންނަ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ރައްޔިތުން ވޯޓު ނުދެއްވަން ޖެހޭ ސަބަބެއް އަދިވެސް ނުވިސްނޭ ކަމަށާއި، ރައްޔިތުން ބޭނުންވި ތަަރައްޤީ އެމަނިކުފާންގެ ސަރުކާރުން ގެނެސްދެއްވި ކަމަށް ވިދާޅުވިއެވެ.
"ޒުވާނުންނަށް ލައްކައެއްހާ ވަޒީފާ އުފައްދި ދިނީމާ، ޒުވާނުންނަށް ވަޒީފާ ލިބިގެން، އާމްދަނީ ހޯދައިގެން އެމީހުން ހިތްހަމަޖެހިގެން އުޅޭނެއޭ. އެހެނެއް ނުވި ދެއްތޯ؟ ދޮށީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުދިގެން ދިޔައީމާ އަޅުގަނޑު ހިތަށް އެރީ ދޮށީ ރައްޔިތުން ތިއްބަވާނީ ހަމަޖެހިގެންނޭ. އެހެނެއް ނުވި ދެއްތޯ؟ ކޮންމެ މީހެއްގެ ޖީބަށް ވަންނަ ފައިސާ ދެގުނަ ވެގެން ދިޔައީމާ އަޅުގަނޑު ހީކުރީ ދިވެހި ރައްޔިތުން ތިއްބަވާނީ ހިތްޕުޅު ހަމަޖެހިގެންނޭ. އެހެނެއް ނުވި ދެއްތޯ؟ ރަށްރަށުގެ ކުނިގޮނޑުތައް ނައްތާލީމާ އަޅުގަނޑު ހީކުރީ ރަށްރަށުގެ ރައްޔިތުން ތިއްބަވާނީ އެކަމާ އުފަލުންނޭ، ރައީސް ޔާމީން މިވަރުގެ ޚިދުމަތެއް ކޮށްދިނީމާ. އެހެންވެތޯ؟
،
ރައީސް ވިދާޅުވީ ހުޅުމާލެ ރައްޔިތުންނަށް ދަތުރު ފަތުރު ފަސޭހަކޮށްދެއްވުމަށް ބްރިޖް އަޅުއްވައި ދެއްވި ކަމަށާއި ފްލެޓު ދެއްވި ކަމަށް ވިދާޅުވެފައެވެ. އަދި އަތޮޅު ތެރޭގެ ރައްޔިތުން ބޭނުންވި ނަރުދަމާ އާއި އެހެނިހެން ހިދްމަތް ފޯރުކޮށްދެއްވި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ވޯޓު ނުދެއްވީތީ ހިތާމަ ކުރައްވާ ކަމަށް އަސަރާއި އެކު ވިދާޅުވިއެވެ.