ހުޅުމީދޫގައި އަލަށް އިމާރާތް ކުރަން ނިންމާފައިވާ ޕޮލިސް ސްޓޭޝަންގެ ކޮންޓްރެޓަރަކަށް ރަަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީއެންސީ) ހަމަޖައްސައިފި އެވެ.
އެ ކުންފުންޏަކީ ހުޅުމީދޫގައި އެސްޓީއޯ އިން އިމާރާތް ކުރި ހަތަރު ބުރީގެ އިމާރާތް ވެސް ހެދި ކުންފުންޏެވެ. ހިތަދޫ ޕޮލިސް ސްޓޭޝަނާއި އެކޮމޮޑޭޝަން ބްލޮކް އިމާރާތް ކުރުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހިއްސާ އޮންނަ އާރްސީއެންސީ އާ ހަވާލު ކުރީ 12.3 މިލިއަން ރުފިޔާ އަށެވެ.
އެ ކުންފުންޏާ ޕްރޮޖެކްޓް ހަވާލު ކުރި އިރު، ހިތަދޫ ބީއޭޕީސީން ވަނީ އާރްސީއެންޑްސީ އަށް ވުރެ ކުޑަ އަގަކަށް މި ޕްރޮޖެކްްޓް ބިޑްކޮށްފަ އެވެ. އެ ކުންފުނިން ހުށަހެޅި 10.7 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ދެން މި ޕްރޮޖެކްޓަށް ކުރިމަތިލި ލެކްސަން ޕްރައިވެޓުން ހުށަހެޅީ 16.2 މިލިއަން ރުފިޔާ އެވެ. އަދި ސްވިފްޓް އިންޖިނިއަރިން އިން 13.4 މިލިއަން ރުފިޔާ ހުށަހެޅި އިރު ޔޫމަން އެންޓަޕްރައިސަސް އިން ހުށަހަޅާފައި ވަނީ 15.5 މިލިއަން ރުފިޔާ އެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަން ބީލަމަށްލީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ ރަށުގައި މިހާރު ޕޮލިސް ސްޓޭޝަން ހިންގަނީ ކުލީ އިމާރާތެއްގަ އެވެ.