Last Updated: June 12, 02:23
Friday, June 12, 2026
ރިޕޯޓް

އެންމެ ބޮޑު ޕަސެންޓާއި އެކު ޔާމީނަށް ނޫނެކޭ ބުނީ އައްޑޫން!

* އައްޑޫގެ 67.8 ޕަސެންޓު މީހުން ޔާމީނަށް ނޫނެކޭ ބުނި
* ކުރި ލިބިވަޑައިގަތީ އެންމެ ވޯޓު ފޮއްޓަކުން، އެފޮށިންވެސް ލިބިލެއްވީ 51 ޕަސެންޓު

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު އިލެކްޝަން ކަމިޝަނުން އިއްލާން ކުރެއްވި އިރު މުޅި ރާއްޖެއިން އެންމެ ބޮޑު ޕަސެންޓޭޖަކާއި އެކު ރައީސް ޔާމީނަށް ނޫނެކޭ ބުނެފައިވަނީ އައްޑޫންނެވެ.

ރައީސް އަބްދުﷲ ޔާމީނަށް އައްޑޫގެ 67.8 ޕަސެންޓު މީހުން ވަނީ ނޫނެކޭ ބުނެފައެވެ. ޔާމީނަށް ވޯޓު ދިނީ އައްޑޫގެ 5752 މީހުންނެވެ. އިންތިހާބީ ރައީސަށް 12123 މީހުން ވޯޓު ދެއްވި އިރު ޔާމީނަށް އައްޑޫން ލިބިވަޑައިގަތީ 32.2 ޕަސެންޓެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫގެ ތަރައްޤީއަށް އިހްމާލުވެފައިވާތީ ގިނަ ރައްޔިތުން ތިބީ ވޯޓުން ނަތީޖާ ދައްކާށެވެ. މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލަށް ލުމުގެ ހިތި ނަތީޖާވެސް ވަނީ އައްޑޫގެ ވޯޓު ފޮށިތަކުން ފެނިފައެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ޔާމީނަށް ކުރި ލިބިވަޑައިގެންފައިވަނީ އެންމެ ވޯޓު ފޮއްޓަކުންނެވެ. އެއީ ހުޅުދޫގައި ބެހެއްޓި 1 ނަންބަރު ވޯޓު ފޮއްޓެވެ. އެވޯޓު ފޮށިން ޔާމީނަށް 51 ޕަސެންޓު ލިބިވަޑައިގެންނެވި އިރު ދެން ބާކީ ތިބި 37 ފޮށިން އެމަނިކުފާން ވަނީ ބޮޑުތަނުން ބަލިވެފައެވެ.

ވޯޓަށް މަދު ދުވަސް ކޮޅަކަށް ވެފައިވަނިކޮށް އައްޑޫއަށް ރައީސް ޔާމީން ވަޑައިގެން ބޭއްވި ޖަލްސާތަކުގައި ތާއިދު ނުފެނުމުން ހިތް ހަމަނުޖެހުން ފާޅުކޮށް ވާހަކަފުޅު ދެއްކެވިއެވެ. ފޭދޫގައި ހިތަދޫ މީހުންނަށް ވެކްސިން ދޭން ވިދާޅުވިއެވެ.

ރައީސް ޔާމީނާއި ދެކޮޅަށް މިފަހަރުގެ ވޯޓުގައި އެންމެ ގިނައިން ވޯޓު ދީފައިވަނީ ހިތަދޫންނެވެ. ހިތަދޫގެ ތިން ދާއިރާއިން 70 ޕަސެންތު ރައްޔިތުން ވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނެފައެވެ.