Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުން ބާޠިލް ކުރަން ކޯޓަށް ވައްދަނީ

ޕީޕީއެމް ކޮންގްރެސްގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ ޓްވިޓާ

ޕީޕީއެމްއިން ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުން ބާޠިލް ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާނެކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ "މައުމޫން ރީފޯމް މޫވްމަންޓު" (އެމްއާރުއެމް)އިން ބުނެފިއެވެ.

އެމްއާރްއެމްގެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ހުކުރު ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމަކީ އައިރު ގާނޫނީ ބައްދަލުވުމެއް ކަމަށެވެ.

އަދި ޕީޕީއެމްގެ ކައުންސިލުން ނިންމި ނިންމުން އެޕާޓީގެ އިންތިހާބީ ކޮމެޓީގެ ތިން މެމްބަރުންގެ ސޮޔާއި އެކު ބާޠިލް ކުރުމަށް ހުށަހަޅާނެކަމަށެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 72 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ޕާޓީގެ އެތެރޭގައި ބާއްވާ ހުރިހާ އިންތިހާބުތަކެއް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބީ ކޮމިޓީން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި މަގާމްތަކަށް ބޭފުޅުން ހޮވާފައި ވަނީ އިންތިހާބީ ކޮމިޓީގެ ޣައިރު ހާޒިރުގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ހުއްޓުވައި ދިނުމަށް އެމްއާރްއެމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވިއެވެ. ނަމަވެސް ކޯޓުން ކޮންގްރެސް ހުއްޓުވައި ދިނުމުގެ އަމުރެއް ނެރެދީފައި ނުވެއެވެ.

ޕީޕީއެމް ކޮންގްރެސްގައި އެޕާޓީގެ ލީޑަރަކަށް ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކޮށްފައިވާ އިރު ހަތަރު ނައިބް ރައީސުން ވަނީ ހޮވާފައެވެ. އެއީ އަބްދުﷲ އަބްދުއް ރަހީމް އާއި މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި އަންހެން ނައިބް ރައިސް އާޒިމާ ޝަކޫރުއެވެ.

ޕީޕީއެމްއިން ވަނީ އެޕާޓީގެ ކައުންސިލަށް 20 މެމްބަރަކުވެސް ހޮވާފައެވެ. އެޕާޓީން ވަނީ ނޮވެމްބަރ 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވުމަށްވެސް ނިންމާފައެވެ.