Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އިބޫ އާއެކު އުއްމީދު އާވެއްޖެ: ދުންޔާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ދުންޔާ މައުމޫން - ފޮޓޯ: ދުންޔާ

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައްދަލުކުރައްވައިފި އެވެ.

އިބޫ އާއި ބައްދަލުކުރެއްވުމަށް ފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދުންޔާ ވިދާޅުވީ އިންތިޚާބީ ރައީސް އާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ދުންޔާ ވިދާޅުވީ ފާއިތުވި އަހަރުތަކަކީ، އަދި ޚާއްސަކޮށް ވޭތުވެދިޔަ ދުވަސްތަކަކީ އެކަމަނާގެ އާއިލާއާއި އަދި އެހެނިހެން ބައެއް އާއިލާތަކަށް ވަރަށް ވޭނާއި ހިތާމައިން ފުރިގެންވީ ދުވަސްތަކެއް ކަމަށެވެ. ދުންޔާ ވިދާޅުވީ ބިރުވެރިކަމާއި ހާސްކަން އަދިވެސް އޮތްނަމަވެސް، މިއަދު އިބޫ އާއިއެކު ބޭއްވެވި ބައްދަލުވުމަކީ އުއްމީދުން ފުރިގެންވާ ބައްދަލުވުމެއް ކަމަށެވެ.

ދުންޔާ ވިދާޅުވީ އެކަމަނާގެ ދުޢާ އަކީ މާޒީގައި ކުރެވުނު ކުށްތަކުން އިބްރަތް ހާސިލްކޮށްގެން ޤައުމާއިގެން ކުރިއަށް ދެވުން ކަމަށެވެ.

"އަޅުގަނޑުމެން ދިރިއުޅެން ބޭނުންވަނީ ބިރުވެރިކަމެއް ނެތް، ހުރިހާ އެންމެ ޙައްޤުތަކަށް ވެސް ފުރިހަމަ އަށް އިޙްތިރާމްކުރާ މާހައުލެއްގައި. إِنْ شَاءَ ٱللَٰه! އަޅުގަނޑުމެން ދެކެން ބޭނުންވަނީ ހުރިހާ އެންމެންގެ އަސާސީ ޙައްޤުތަކަށް ފުރިހަމަކުރެވިފައިވާ ޤައުމެއް"، ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ އިބޫ ކުރިމަތިލައްވަނީ ވަރަށް ބުރަ މަސްއޫލިއްޔަތަކާއި ކަމަށާއި، ނަމަވެސް އެ މަސްއޫލިއްޔަތު އެމަނިކުފާނަށް ފުރިހަމަ ކުރެއްވޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.

ދުންޔާ މިއަދު އިންތިޚާބީ ރައީސް، އިބޫ އާއި ބައްދަލުކުރެއްވިއިރު، އެކަމަނާގެ ބައްޕާފުޅު ރައީސް މައުމޫން އަދި ކޮއްކޯފުޅު، އަހްމަދު ފާރިސް މައުމޫން ހުންނެވީ ޖަލުގައެވެ. އެ ދެ ބޭފުޅުން މިނިވަންކުރެއްވުމަށް ދުންޔާ ގެންދަވަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ މިނިސްޓަރަކަށް ހުންނެވި ދުންޔާ، އެ މަޤާމުން އިސްތިއުފާ ދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެކަމަނާގެ ބައްޕާފުޅު، ރައީސް މައުމޫން ހައްޔަރުކުރި ފަހުންނެވެ.