ކާމިޔާބުކަމާއި، އަމަންއަމާންކަމާއެކީ ރިޔާސީ އިންތިޚާބު ނިމިގެން ގޮސްފައިވާއިރު، ކުރިއަށް އޮތީ އެކުވެރިކަންމަތީ ޤައުމު ބިނާކުރުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Dhivehi rayyithun votun ninmi ninmun dhemehettumuga dhivehi raajjeyge salaamathee khidhumaiythakaa elections commissionge qaanoonee vaajib adhaa kurumuga dhekkevi hivvarah shukuru dhannavan. Inthikhaab nimunee. Dhen othee qaum ekuverikoh binaa kurun. Miee enmengeves qaum. Enmen🤝
— Ali Waheed (@ali20waheed) September 29, 2018
އެ ޓްވީޓްގައި އަލީ ވަހީދު ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުން ވޯޓުން ނިންމި ނިންމުން ދެމެހެއްޓުމުގައި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންނާއި އިލެކްޝަންސް ކޮމިޝަނުން، ޤާނޫނީ ވާޖިބު އަދާކުރުމުގައި ދެއްކެވި ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށެވެ.
"އިންތިޚާބު ނިމުނީ. ދެން އޮތީ ޤައުމު އެކުވެރިކޮށް ބިނާކުރުން. މިއީ އެންމެންގެވެސް ޤައުމު. އެންމެން (ގުޅިގެން)"
އަލީ ވަހީދު މިހެން ވިދާޅުވިއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާއެކު ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ ދިވެހި ރައްޔިތުންގެ ނިންމުން ދަމަހައްޓާނެކަން ހާމަކޮށްފަ އެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އިންތިޚާބުގެ ކަންކަމާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލާ، އިންތިޚާބުގެ ސައްހަކަން ރައްޔިތުންނަށް ޔަގީންކޮށްދީފައެވެ.