Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

"އިންތިޚާބުން ލިބުނު ކާމިޔާބީ އަކީ ޕޯޗުގީޒުންގެ އަތުން ދިވެހިން ހޯދިފަދަ ކާމިޔާބެއް"

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު - ފޮޓޯ: ޓްވިޓާ (ޑރ. ޖަމީލް)

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ހޯދި ކާމިޔާބީ އަކީ، ޕޯޗުގީޒުން އަތުން ދިވެހިން ހޯދިފަދަ ފޮނި ކާމިޔާބީއެއް ކަމަށް މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތިޖާ އިއުލާންކުރެވުމާއެކު، ދިވެހިރާއްޖެ ވަނީ ގުޅިފައިވާ އިއްތިހާދާއެކު ތާރީޚީ ހިނދުކޮޅެއްގެ ތެރޭގައި ކަމަށެވެ.

އަދި ރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭފަދަ އަނިޔާވެރި ވެރިއެއްގެ ކިބައިން ނަސްރުހޯއްދެވީތީ އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ތަޢުރީފް ކުރައްވާފައެވެ. އަދި މި ކާމިޔާބީ އަކީ ޕޯޗުގީޒުންގެ އަތްދަށުން މިނިވަންވުންހާ ފޮނި ކާމިޔާބީއެއް ކަމަށްވެސް ޑރ. ޖަމީލް ފާހަގަކުރެއްވި އެވެ.

އަދި ދިވެހި ޤައުމާއި، ޤައުމުގެ ސިޔާދަތު ސަލާމަތްކުރެވުނީތީ މާތްﷲ އަށް ހަމްދުކުރައްވާ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން އިން މިއަދު އިއުލާންކޮށްފައިވާއިރު، އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގެންފައި ވަނީ 134،705 ވޯޓާއެކު 58.4% ގެ މެޖޯރިޓީއެކެވެ.

އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަށް ލިބިވަޑައިގެންނެވީ 96،052 ވޯޓާއެކު 41.6% ގެ އަޣްލަބިއްޔަތެކެވެ.