Last Updated: June 10, 06:03
Wednesday, June 10, 2026
ކުޅިވަރު

ޔުނައިޓެޑުން ޒިދާން ގެންނަން އުޅޭ ޚަބަރު ދޮގުކޮށްފި

މޮޅެއް ނުލިބި މެންޗެސްޓާ ޔުނައިޓެޑުން ތިން މެޗު ނިންމާލާފައިވާއިރު ކުލަބުގެ އެތެރޭގެ މަސްރަހު ގޯހުން ގޯހަށް ގޮސް ކޯޗު މޮރީނިއޯ މަގާމުން ވަކިކުރާ ހިސާބަށް ގޮސްފައިވަނިކޮށް، ރެއާލްގެ ކުރީގެ ކޯޗު ޒިނެދީން ޒިދާން އެކުލަބަށް ގެންނަން އުޅޭ ކަމުގެ ވާހަކަތައް ޔުނައިޓެޑުގެ އިސް އޮފިޝަލުން ދޮގުކޮށްފިއެވެ.

އިއްޔެ ޕްރިމިއާ ލީގުގައި ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުން 1-3 އިން ޔުނައިޓެޑު ބަލިވެ ލީގު ތާވަލުގެ 10 ވަނައަށް ވެއްޓިފައިވާއިރު މިހަފްތާ ތެރޭ މޮރީނިއޯ ވަކިކުރުމަށް ކުލަބުން ނިންމަމުންދާ ކަމަށް އަޑު ފެތުރިފައިވެއެވެ.

އަދި މިދަނޑިވަޅުގައި ޒިދާންގެ އެޖެންޓުންނާ ޔުނައިޓެޑުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި، ޔުނައިޓެޑަށް އައުމަށް އޭނާ އިނގިރޭސިވެސް ދަސް ކުރަމުން އަންނަ ކަމަށް ބައެއް މީޑިޔާ ރިޕޯޓުތަކުން ބުނެފައިވެއެވެ.

ނަމަވެސް އިތުބާރު ހިފޭ ނޫސް އެޖެންސީއެއް ކަމަށްވާ "ދަ ޓެލެގްރާފް" އިން ވަނީ ކުލަބުގެ އިސް އޮފިޝަލުންނާ ހަވާލާދީ އަދި އެއްވެސް ގޮތަކަށް ޒިދާނާ ކުލަބުން މުއާމަލާތެއް ކޮށްފައިނުވާކަން ކަށަވަރުކޮށްދީފައެވެ.

ލީގުގައި މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު ޔުނައިޓެޑަށް މޮޅުވެފައިވަނީ ތިން މެޗުންނެވެ. އަދި ތިން މެޗުން ބަލިވެފައިވާއިރު 1 މެޗުން ވަނީ އެއްވަރުވެފައެވެ.

ކުލަބުގެ ހާލަތު މިހާ ހިސާބަށް ގޮސްފައިވަނީ ކުޅުންތެރިންނާ ކޯޗާ ދެމެދު މައްސަލަ ޖެހިފައިވަނިކޮށެވެ. އެގޮތުން ޕޮގްބާއާ މޮރީނިއޯއާ ދެމެދު މައްސަލަ ޖެހި އޭނާ ޓްރެއިނިން އިން ފޮނުވާލާ މަންޒަރުވެސް ފެނިގެން ގޮސްފައިވެއެވެ.