Last Updated: June 10, 06:03
Wednesday, June 10, 2026
ކުޅިވަރު

ލިވަޕޫލާ ޗެލްސީ އެއްވަރުވެ ފޯރި އިތުރަށް ގަދަވެއްޖެ

AP

އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގައި އޮތް ލިވަޕޫލާ ޗެލްސީ ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެ ލީގު ތާވަލު އިތުރަށް ފޯރިގަދަވެއްޖެއެވެ.

ލީގު ކަޕުގައި އަންގާރަ ދުވަހު މިދެޓީމު ބައްދަލުކޮށް، ހަޒާޑުގެ ލަނޑުން ޗެލްސީ މޮޅުވެފައިވާއިރު ރޭގެ މެޗުގައި ވެސް ޗެލްސީއަށް ލީޑު ނަގާދިނީ ހަޒާޑުއެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިނީ 82 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޗެލްސީގެ ކުރީގެ ފޯވާޑް ސްޓަރިޖްއެވެ.

ސްޓަރިޖްގެ ފަރާތުން ދުރުން ފޮނުވާލި ބާރު ބޯޅަ ޗެލްސީ ކީޕަރަށް މަތަ ނުކުރެވި ގޯލުގެ މަތީ ކަނަށް ވެއްޓިގެން ދިޔައެވެ. މި ލަނޑާއެކު ދެޓީމުން ޕޮއިންޓު ބައި ކުރިއިރު ލީގު ތާވަލުގެ އެއްވަނައަށް ސިޓީ ވަނީ އަނެއްކާވެސް އަރާފައެވެ.

ނަމަވެސް ސިޓީއާ ލިވަޕޫލަށް ވެސް ޕޮއިންޓު ލިބިފައިވަނީ ހަމަހަމަ އަދަދަކަށެވެ. ދެޓީމަށް ވެސް 19 ޕޮއިންޓު ލިބިފައިވާއިރު ޗެލްސީއަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. ތިން ޓީމުވެސް އަދި މިހާތަނަށް ލީގުގައި ބަލިވެފައެއް ނުވެއެވެ. ހަތަރުވަނައިގައި ސްޕާސް 15 ޕޮއިންޓާއެކު އޮތް އިރު އާސެނަލް ވެސް ވަނީ 15 ޕޮއިންޓު ހޯދާފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ފަސް ވަނައިގައި އޮތީ އާސެނަލްއެވެ.

އަންނަ ހަފްތާގައި ލިވަޕޫލާ ސިޓީ ބައްދަލުކުރާއިރު މިމެޗުން ލީގު ތާވަލުގެ އެއްވަނައަށް ދިއުމުގެ ފުރުސަތު ދެޓީމަށް ވެސް ލިބިފައި އެބަ އޮތެވެ. މިދިޔަ ސީޒަނާ ޚިލާފަށް މިސީޒަން އަދި ދަނީ މާ ވާދަވެރި ގޮތަކަށެވެ. ޔޫރަޕުގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން މިވަގުތު އެންމެ ފޯރިގަދަ ލީގަކަށް ވެފައި އޮތީވެސް ޕްރިމިއާ ލީގެވެ.