އިރާގުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބަޣްދާދުގެ ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާ ޓާރާ ފޮރޭސް ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
ބަޣްދާދުގައި ބުރާސްފަތި ދުވަހު ހިނގި މި ހަމަނުޖެހުމުގައި ޓާރާ މަރާލާފައިވަނީ ދެ ސައިކަލުން އައި ހަތިޔާރު އެޅި ދެމީހުން، އޭނާ އިން ކާރު ތެރެއަށް ބަޑި ޖަހައިގެންނެވެ. އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވަނީ ޓާރާ މަރާލި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ބުނެފައެވެ.
ޓާރާ މަރާލާފައިމިވަނީ އިރާގުގެ އިންސާނީ ހައްގުތައް ދިފާއު ކުރާ އަންހެން އެކްޓިވިސްޓެއް ކަމަށްވާ ސުއާދް އަލް އަލީ ވެސް ބަޑި ޖަހައި މަރާލާފައިވަނިކޮށެވެ. ސުއާދް މަރާލާފައިވަނީ ބަސްރާގެ ބާޒާރު މަތިންނެވެ.
މީގެ އިތުރުން އިރާގުގެ މަޝްހޫރު މޮޑެލްއެއް ކަމަށްވާ ރަފީފް އަލް ޔަސާރީ ވެސް ވަނީ އޭނާގެ އަމިއްލަ ގޭތެރޭގައި ހުއްޓާ ބަޑި ޖަހައި، މިދިިޔަ މަހުގެ 16 ވަނަ ދުވަހު މަރާލާފައެވެ. އަދި ވައޯލާ ބިއުޓީ ކިޔާ ބިއުޓީ ސެންޓަރެއް ހިންގާ ރާޝާ އަލް ހަސަން ވެސް މަރާލާފައިވަނިކޮށް މިދިޔަ މަހު ވަނީ ފެނިފައެވެ.
މިއިން އެއްވެސް ތަހުގީގެއް ނިމިފައިނުވާއިރު އަންހެނުންގެ ހައްގުތައް ދިފާއު ކުރާ ޖަމިއްޔާތަކުން އަންނަނީ މިއީ އަންހެނުންނަށް އަމާޒުކޮށް ހިންގަމުންދާ ގަތުލު އާންމެއް ކަމަށް ސިފަކޮށްފައެވެ.