ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސް، މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމައިފިއެވެ.
އެގޮތުން ގަވާއިދަށް ގެނެވުނު މިއިސްލާހާ އެކު ކޮންމެ މުވައްޒަފަކު ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކު 200ރ. ގެ ސާވިސް އެލަވެންސެއް ދިނުމަށް ފާސްކޮށްފައިވެއެވެ. އަހަރީ ޗުއްޓީއާއި އެނޫންވެސް ޗުއްޓީ ތަކުގައި އޮފީހަށް ހާޒިރުނުވާ ނަމަ މި އެލަވެންސް ނުލިބޭނެއެވެ.
މީގެ އިތުރުން ޓެކްނިކަލް ކޯ އެލަވެންސެއްވެސް، ދާއިރާއާ ގުޅޭ ސަނަދު ނުވަތަ ޓްރެއިނިން ނަގާފައިވާ މުވައްޒަފުންނަށް ދޭން ވަނީ ނިންމާފައެވެ. އެގޮތުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް ފަހަކަށް ވުރެ ދަށް ސަނަދެއް ނުވަތަ ޓްރެއިނިންއެއް ހާސިލްކޮށްފައިވާ ނަމަ 500 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.
އަދި ތައުލީމީ ފެންވަރުންވެސް މުސާރަ ބޮޑުކުރުމަށް ނިންމައި މިއާބަދަލާއެކު ސަނަދުތަކުގެ އޮނިގަނޑު ފަހެއް ނުވަތަ ހައެއް ހާސިލްކޮށްފައިވާ ނަމަ މަހަކު 750 ރ. އެ މުވައްޒަފަކަށް ލިބޭނެއެވެ.
އަދި ސަނަދު ލެވަލް ހަތެއް ނުވަތަ އަށެއް ހާސިލްކޮށްފައިވާ ނަމަ މަހަކު 1000 ރ. ގެ އެލަވަންސްއެއް ދޭނެ އެވެ. ގައުމީ ސަނަދުގެ ލެވަލް ނުވައަކަށް ވުރެ މަތިން ހާސިލްކޮށްފައިވާ ނަމަ މަހަކު 1500 ރ. ގެ އެލަވަންސްއެއް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.