ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެ އެތެރެކުރި ފައިސާ ގެއްލިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަށް ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް، މުހައްމަދު ޖުނެއިދު ދޮގު ކުރައްވައިފިއެވެ.
ޖުނެއިދު ވިދާޅުވީ އެއްވެސް ފައިސާއެއް ނުގެއްލޭ ކަމަށާއި ނަމަވެސް ބޯޑަރ ކޮންޓްރޯލް ވަރުގަދަ ކުރުމަށް، ރިޔާސީ އިންތިޚާބުގެ ދުވަސްވަރަށް ވާތީ ބީއެމްއެލްއިން އެތެރެކުރި ހަތަރު މިލިއަން ޑޮލަރު ހިފަހައްޓާފައިވާ ކަމަށެވެ.
ބީއެމްއެލްއިން މިފައިސާ ރާއްޖެ އެތެރެކުރީ އެބޭންކުގެ ބޭނުމަށް ތޯމަސް ކުކް މެދުވެރިކޮށެވެ. ޖުނެއިދު ވިދާޅުވީ އެފައިސާ ރާއްޖެ އެތެރެކުރީ އިންޑިޔާ ދެމީހުން ދެ ދަބަހުގައި ކަމަށެވެ. އަދި އެމީހުން ވަނީ ކްލިއަރެންސް ފޯމުވެސް ދައްކާފައި ކަމަށާއި އޭގައި މައްސަލައެއް ނޫޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނީ ރާއްޖެއަށް ޑޮލަރު އެތެރެކުރަނީ އިންޓަނޭޝަނަލް ސަޕްލަޔަރެއް މެދުވެރިކޮށް ކަމަށެވެ. އަދި އެ މުއާމަލާތުގެ ތަފްސީލު ކަސްޓަމްސްއާ ހިއްސާ ކޮށްފައިވާނެ ކަމަށާއި ކަސްޓަމްސްއާ ގުޅިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.