Last Updated: June 23, 18:17
Monday, June 23, 2025
ޚަބަރު

މައުމޫން ގެއަށް ބަދަލުނުކުރަނީ އަދިވެސް ބަލި ގަބޫލުނުކުރެވޭތީ: މަހްލޫފް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސްގެ މެޑިކަލް ބޯޑުން ނިންމި ނަމަވެސް އެގޮތަށް އަމަލުނުކޮށްގެން އުޅެނީ އަދިވެސް ރައީސުލްޖުމުހޫރިއްޔާ ޔާމީން އަބްދުލްޤައްޔޫމްއަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރެއްވޭތީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު މައުމޫން ރިފޯމް މޫވްމަންޓުގެ ބޭފުޅުންނާއެކު މަހްލޫފްވެސް ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަހުމަދު ޝިހާންއާ ބައްދަލުކުރުމަށް ކަރެކްޝަންސް މާލެ އޮފީހަށް ވަޑައިގެންފައެވެ. މިއަދުވެސް އެމްއާރްއެމް މެމްބަރުންނާ ޝިހާން ބައްދަލުކޮށްފައިނުވާއިރު މީގެ ކުރިންވެސް އެކި ފަހަރު މަތިން މައުމޫން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ޝިހާނާ ބައްދަލުކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.

މިއަދުވެސް އެކަން ނާކާމިޔާބުވުމާ ގުޅިގެން ކަރެކްޝަންސް އޮފީސް ބޭރުގައި މަހްލޫފާއި އެމްއާރްއެމް މެމްބަރުން މީޑިޔާއާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި މަހްލޫފް ވިދާޅުވީ ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ބޭފުޅުން މިނިވަން ކުރުމަށް ރައްޔިތުން ވަނީ ނިންމައި ވޯޓު ދީފައި ކަމަށެވެ.

އަދި އެބޭފުޅުން މިނިވަން ނުކުރެވިގެން އުޅެނީ އަދިވެސް ރައީސް ޔާމީނަށް ބަލި ގަބޫލުނުކުރެވޭތީ ކަމަށާއި، އެމަނިކުފާނުގެ އަޅުންނަށް ނުވެ، ކަރެކްޝަންސް އިން ރައީސް މައުމޫންގެ ގޭބަންދަށް ބަދަލުކޮށްދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މަހްލޫފް އިތުރުން އެމްއާރްއެމްގެ މެމްބަރު އާމިނަތު ނާދިރާ ވަނީ ކޮމިޝަނަރ ޝިހާންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނާދިރާ ވަނީ ކިތަންމެ ގިނަ ދުވަހު "ފިލައިގެން" ޝިހާން އޮންނެވިޔަސް ގާނޫނު އަރާ ހަމަކުރާނެ ކަން ދަންނަން ޖެހޭ ކަމަށެވެ.