އިދިކޮޅު ފަރާތްތަކުން މިހާރުވެސް ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ޖަލަށްލާނެކަމަށް ބުނަމުން އަންނަ ކަމަށާއި ރައީސް ޔާމީނާއި އެކު 96،000 މީހުން ލެވޭ ވަރުގެ ޖަލެއް ހެދުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނައިބް ލީޑަރ އިނގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ތާއިދު ބޮޑު ލީޑަރ ކަމަށާއި، އެއްވެސް ކުށެއް ނުކުރާ އެންމެ ބޮޑު ތަރައްޤީ ގެނައި ރައީސް ކަމަށެވެ.
ފަލާހު ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކުރުމަށް މިހާރު ގޮވާލުމަކީ އަލަށް ވެރިކަން ލިބިވަޑައިގަތް ބޭފުޅުން ދެއްކި ވާހަކަތަކާއި އިދިކޮޅު ވާހަކަތަކެެއް ކަމަށެވެ.
"ރައީސް ޔާމީން ޖަލަށް ގެންދާ ކަމަށްވާނަމަ، އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ އެންމެ ފުރަތަމަ ވެސް 96،000 މީހުން ލެވޭ ވަރުގެ ޖަލެއް އެބޭފުޅުން އަޅާށޭ، އަޅުގަނޑު ދަންނަވާނީ ވެރިކަން ތިއޮތީ ލިބިފައި. އަޅުގަނޑުމެންގެ ހިތުގައި ކުޑަ ވެސް ބިރުވެރިކަމެއް ނެތް. އަޅުގަނޑުމެން ޖަލަކަށް އެމްޑީޕީ އަކަށް ނުލެވޭނެ. އަޅުގަނޑުމެން ކުށެއް ކޮށްފައެއް ނޯންނާނެ. އެހެންވީމަ ތަކުރާރުކޮށް މި ދަންނަވަނީ އެކަހަލަ ބިރު ދައްކަން މަސައްކަތް ނުކުރާށޭ"
ފަލާހުވަނީ މިހާރުވެސް އިދިކޮޅު ފަރާތްތަކުން ބިރު ދައްކަން ފަށާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކިތަންމެ ބިރު ދެއްކިއަސް ބިރެއް ނުގަންނަ ކަމަށް ފަލާހު ވިދާޅުވިއެވެ.