ދައުލަތުގެ ރަސްމީ އެއްވެސް ލިޔެކިޔުމެއް އަދި ރެކޯޑެއް ނައްތާނުލުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން އަންގައިފިއެވެ. މިގޮތަށް އެންގީ ޤައުމީ އަރުޝީފުން ދައުލަތުގެ ހުރިހާ އިދާރާތަކާއި މުއައްސަސާތަކަށް ފޮނުވި ސަރކިއުލަރއެއްގަ އެވެ.
މިއަދު ޤައުމީ އަރުޝީފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާތަކަށް ފޮނުވި ސަރކިއުލަރގައި، ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑުތަކާއި، މަޢުލޫމާތު ރައްކޭތެރިކޮށް ބެލެހެއްޓުމަށް ދައުލަތުގެ މުއައްސަސާތަކަށް ހަނދާންކޮށްދީފައިވާނެ ކަމަށެވެ.
އަދި ދައުލަތުގެ އެފަދަ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދެވަނަ މާއްދާގައިވާގޮތުން ކޮންމެ މީހެއްގެވެސް ވާޖިބެއް ކަމަށާއި، ތިންވަނަ މާއްދާގައިވާ ގޮތުން، ދިވެހި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑުތަކާއި، މަޢުލޫމާތު ބަލަހައްޓަން ވާނީ އަރުޝީފުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން މަތިން ނޫނީ ލިޔެކިޔުންތައް ނައްތާލައިގެން ނުވާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދައުލަތުގެ ރެކޯޑްތައް ނަތްލާނުލުމަށް ޤައުމީ އަރުޝީފުން މިއަދު އެންގިއިރު، ސަރުކާރުގެ ބައެއް މުއައްސަސާތަކުންނާއި އިދަރާތަކުން މުހިންމު ލިޔެކިޔުންތައް ނައްތާލަން މަސައްކަތް ކުރާކަމުގެ އަޑުތައް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.