ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ހަމަޖެއްސުމަށް ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅާ ފަރާތަކަށް ހ. ސީވީޑު އަހުމަދު ލަޠީފު (ސީވީޑު ލަޠީފު) ހަމަޖައްސަން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ސިވިލް ސާވިސް ކަމިޝަނަށް ސިޓީ ފޮނުއްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފުގެ ބޭބެ ސީވީޑު ލަޠީފަކީ އޮލިމްޕިކް ކޮމެޓީގެ ނައިބް ރައީސެވެ. މީގެ އިތުުރުން ރައީސް ނަޝީދުގެ ސަރުކާރުގައި ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމުގެ މަގާމުވެސް ލަޠީފުވަނީ ފުރުއްވާފައެވެ.
ލަޠީފުގެ ނަން ސިވިލް ސާވިސް ކަމިޝަނަށް ފޮނުއްވާފައިވާ އިރު ގާނޫނުގައި ބުނާ ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަނަލްގެ ޒިއްމާ ވީހާވެސް އަވަހަށް ލަޠީފު އާއި ހަވާލު ކުރައްވާނެކަމަށް ގަބޫލް ކުރައްވާކަމަށް އިންތިހާބީ ރައީސް އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ ވަނީ ވިދާޅުވެފައެވެ.
އިލެކްޝަން ކަމިޝަނުން ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއްލާން ކުރެއްވުމާއި އެކު ގާނޫނީ ގޮތުން ރައީސުލް ޖުމްހުރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް އިންތިހާބީ ރައީސަށް ލިބިދޭން ޖެހެއެވެ. އެގޮތުން ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަނަލް ބެއްލެވުމުގެ ދަށުންނެވެ.