Last Updated: June 23, 18:17
Monday, June 23, 2025
ޚަބަރު

ކަފާލާތުގެ ދަށުން މައުމޫން މިނިވަންކޮށްފި

ފޮޓޯ: މިހާރު

ޖަލު ހުކުމް ތަންފީޒު ކުރަމުންގެންދަވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ކަފާލާތުގެ ދަށުން މިރޭ ހައިކޯޓުން މިނިވަންކޮށްފިއެވެ.

މައުމޫން މިނިވަން ކުރެއްވުމަށް ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް މައުމޫންގެ ފަރާތުން ހުށަހަޅުއްވާފައިވާ ކަންކަމުގެ މައްޗަށާއި، ހުކުމުގެ ބާވަތަށާއި، އަދި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށް ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އަމުރު ކުރާ ކަމަށެވެ.

މައުމޫން ދޫކޮށްލާފައިވަނީ 60،000 ރުފިޔާ ބެހެއްޓުމަށް ފަހުއެވެ. މައުމޫން މިރޭ މިނިވަން ކުރެއްވި އިރު ކަރެކްޝަނުން މިއަދު ހަވީރު މައުމޫން ވަނީ ގެއަށް ބަދަލު ކުރައްވާފައެވެ.

ކުއްލި ނުރައްްކަލުގެ ހާލަތު އިއްލާންކޮށް މައުމޫން ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް އުޅުއްވި ކަމުގެ ތުހުމަތުގައެވެ. ހައްޔަރު ކުރެއްވުމަށްފަހު މައުމޫންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުއްވި ކަމުގެ ދައުވާ އުފުލައި، ކުށް ސާބިތުވެ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކުރެވިފައެވެ. މިރޭ މިނިވަން ކުރެވިފައިވަނީ އެ ހުކުމުންނެވެ.