Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

"މިއަދު މި ފެނުނީ އަނިޔާވެރިކަމުގެ މައްޗަށް ލިބުނު ފޮނި ކާމިޔާބު"

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ރާއްޖެއިން މިއަދު ފެނިގެންދާ މި މަންޒަރަކީ އަނިޔާވެރިކަމުގެ މައްޗަށް ދިވެހި ރައްޔިތުން ހޯދި ކާމިޔާބު ކަމަށް މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ މިއަދު ފެނިގެން މިދަނީ އަނިޔާވެރި ވެރިއެއްގެ މައްޗަށް ހޯދި ކާމިޔާބީގެ ފޮނިކަން ކަމަށާއި، އަނިޔާވެރިކަމުގެ ކަސްތޮޅު މޮހެވި، މިނިވަންކަން ލިބެމުންދާތަން ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިރޭ މިނިވަންވުމާއި ގުޅިގެން، ޑރ. ޖަމީލް ވަނީ އެ ތިން ބޭފުޅުންނަށް މަރުޙަބާ ވެސް ދަންނަވާފައެވެ.

"ކޯޓުތަކާއި އެހެން މުއައްސަސާތަށް ދެން އިންސާފުން ހިނގާނެ ބާ؟"، ޑރ. ޖަމީލްގެ ޓްވީޓްގައި ސުވާލުކުރައްވާފައި ވެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ މިރޭ ރައީސް މައުމޫން އާއި ފާރިސްގެ އިތުރުން ޤާސިމް އިބްރާހިމް މިނިވަން ކުރުމަށް ކޯޓުން ޙުކުމް ކުރުމާއި ގުޅިގެންނެވެ.

ކަފާލާތުގެ ދަށުން 40،000 ދެއްކުމަށްފަހު ފާރިސް ދޫކޮށްލިއިރު، ރައީސް މައުމޫން މިނިވަންކޮށްފައި ވަނީ 60،000 ކޯޓުގައި ބެހެއްޓުމަށް ފަހު އެވެ.

އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް މިނިވަންކޮށްފައި ވަނީ ވަކި ޝަރުތުތަކެއް ކަނޑައެޅުމަށްފަހު އެވެ.