Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ޔޫރަޕްގެ އެންމެ ބޮޑު އެއް މިސްކިތް ޖަރުމަނުގައި ހުޅުވައިފި

ޖަރުމަނުގައި މިއަދު ހުޅުވި މިސްކިތް - ފޮޓޯ: ރޮއިޓާސް

ޔޫރަޕްގެ އެންމެ ބޮޑު އެއް މިސްކިތް ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ކޮލޯންގައި މިއަދު ހުޅުވައިފި އެވެ.

އެ މިސްކިތް ހުޅުއްވައިދެއްވީ ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ގޮތުން، ތުރުކީގެ ރައީސް ރެކެޕް ތައްޔިބް އެރްތުޤާން އެވެ.

އެރްތުޤާން ކޮލޯން އަށް ވަޑައިގަތުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުތަކަށް ނިކުމެ، މުޒާހަރާކޮށްފަ އެވެ. އެމީހުން ނުރުހުންތެރިކަން ފާޅުކޮށްފައި ވަނީ އިންސާނީ ޙައްޤުތަކާއި ނޫސްވެރިކަމުގެ މިނިވަންކަން ތުރުކީގައި ހަނިކޮށްފައިވާތީ އާއި ކުރްދިޝް ނަސްލާއިމެދު އެޤައުމުން ކަންތައް ކުރާ ގޮތާއިމެދު އެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އެރްތުޤާން ވަނީ އެ މިސްކިތް އިމާރާތް ކުރުމުގައި ތަފާތު އުނދަގޫތައް ކުރިމަތިވި ނަމަވެސް، އެ މަސައްކަތް ފުރިހަމަ ކޮށްފައިވާތީ ޖަރުމަނުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެރްތުޤާން ޖަރުމަނަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅަކީ ދެ އަހަރުގެ ވަންދެން ދެ ޤައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލަތަކަށް ނިމުމެއް ގެނެސް، ދެ ޤައުމުގެ ދެމެދުގައި ސުލްޙަ ޤާއިމްކުރުމުގެ މަޤްސަދުގައި ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެރްތުޤާން ވަނީ މަޝްވަރާކުރެއްވުމަށްޓަކައި ޗާންސެލަރ އެންޖެލާ މާކެލް އާއި ދެ ފަހަރެއްގެ މަތިން ބާލިންގައި ބައްދަލުކުރައްވާފައެވެ.