Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އިބޫ އާއި ފައިސަލް ކަސްޓަމްސްގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފި

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

ކަސްޓަމްސްގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ ކަސްޓަމްސް އަކީ ރައްޔިތުންނަށް ވަރަށް ޚިދުމަތްތެރި މަސައްކަތްތަކެއް އަދާކޮށްދިން، އަދި އަދާކޮށްދޭން ޖެހޭ މުއައްސަސާއެއް ކަމަށެވެ.

އަދި އިބޫ ވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަސްޓަމްސްގެ މުވައްޒަފުންގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

އިބޫ ވިދާޅުވީ ކަސްޓަމްސްގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅަށް ތާއީދު ނުކުރައްވާ ބޭފުޅުންވެސް ތިއްބަވާނެ ކަމަށާއި، އެއީ މައްސަލައެއް ނޫން ކަމަށެވެ. އަދި އިއްތިހާދުގެ ވެރިކަމެއްގައި އެއިން އެއްވެސް ފަރާތަކަށް ތަފާތުރުކުމެއް ނެތި، މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، ޕްރޮމޯޝަނާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި އެމީހެއްގެ ސިޔާސީ ފިކުރަކަށް ނުބަލާނެ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު، ރެކޯޑް އަޣްލަބިއްޔަތަކުން އިބޫ އާއި ފައިސަލް ކާމިޔާބުކުރެއްވުމާއި ގުޅިގެން އެ ދެ ބޭފުޅުންނަށް މަރުޙަބާ ކިޔުމަށްޓަކައި ކަސްޓަމްސް އިން މިއަދު ބޭއްވި މި ހަފްލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވެސް ވަނީ އިބޫ އާއި ފައިސަލް އަށް މަރުހަބާ ދަންނަވާފައެވެ.

މިއީ އިންތިޚާބަށްފަހު އިބްރާހިމް މުހައްމަދު ސޯލިހް އާއި ފައިސަލް ސަރުކާރުގެ އޮފީހެއްގެ މުވައްޒަފުންނާ ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.