އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ގުޅިފައިވާ އިއްތިހާދުގެ އޮނިގަނޑާއި ސިޔާސަތުތައް ހިމަނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖުލީހަށް ހުށަހަޅަން ޖެހޭ ކަމަށާއި، އެ ޒިންމާ އަދާކުރުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އެ މިނިސްޓްރީ އާއި ދައުލަތުގެ މުއައްސަސާތަކުން ދަނީ 2019 ވަނަ އަހަރަށް އަންދާޒާ ކުރާ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އެހެންނަމަވެސް، 2019 ވަނަ އަހަރު ދިވެހި ދައުލަތް ހިންގަވާނީ އަލަށް އިންތިޚާބު ކުރެވުނު ސަރުކާރުން ކަމަށްވާތީ އާއި އެ ސަރުކާރުން ދައުލަތުގެ ހިންގުމާއި ހަވާލުވާއިރު ބަޖެޓް ހުށަހެޅުމުގެ ސުންގަޑި ވާނީ ހަމަވެފައި ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އެހެންނަމަވެސް، އައުސަރުކާރުގެ އޮނިގަނޑާއި ސިޔާސަތުތައް ހިމެނޭހެން 2019 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މި ސަރުކާރުން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން 2019 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށްޓަކައި، ބަޖެޓުގައި ހިމަނަން ބޭނުންވާ އިދާރީ ބަދަލުތަކާއި އައު ސިޔާސަތުތަކުގެ ތަފްސީލު ހިމެނޭހެން، 2019 ވަނަ އަހަރުގެ ބަޖެޓު، އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ތައްޔާރުކޮށްދެއްވުމަށް އެ މިނިސްޓްރީން ދަންނަވާފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަދި އެ ކަމުގައި ފިނޭންސް މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.