އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުންނެވީ ހައިޖެކްޓު ކުރެވިފައި ކަމަށާއި އިބޫއަށް ވެރިކަން ކުރެވޭ ގޮތަށް ދޫކޮށްލަން ޖެހޭކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން މިއަދު ބާއްވާ ދެވަނަ ނޫސް ކޮންފަރެންސްގައި ފަލާހު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ވަކިކޮށްލުމުގެ ބިރު ދައްކަން ފަށާފައިވާ ކަމަށާއި، މި ސަރުކާރުން ދޫކުރަން ފަށާފައިވާ ހައުސިން ފްލެޓްތައް ދިނުން ހުއްޓާލުމަށް މިހާރުން މިހާރަށްވެސް އަންގާފައިވާ ކަމަށެވެ.
ފަލާހު ވިދާޅުވީ އިބޫ ހުންނެވީ ވާނުވާ ނޭގޭ ފަދަ ހާލަތެއްގައި ހައިޖެކްޓު ކުރެވިފައި ކަމަށެވެ. ރައްޔިތުން ވެރިކަން ދިނީ އިބްރާހިމް މުހައްމަދު ސޯލިހުއަށް ކަމަށާއި މިހާރު ހިނގަމުންދާ ކަންކަމުގެ ޒިއްމާ އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަން ޖެހޭ ކަމަށެވެ.
ޕީޕީއެމްއިން މިއަދު ދެ ނޫސް ކޮންފަރެންސް ބާއްވާފައިވާ އިރު ދެ ނޫސް ކޮންފަރެންސްގައިވެސް ތިއްބެވީ އެޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު އާއި ފަލާހުގެ އިތުރުން އަބްދުﷲ ހަލީލުއެވެ.
މޫނުމަތިން މާޔޫސްކަން ފެންނަ ގޮތަށް ތިއްބެ ކުރިއަށް ގެންދިޔަ ނޫސް ކޮންފަރެންސްގައި މުޅިވެސް ދައްކަވަނީ ވަޒިފާ ތަކުން މީހުން ވަކި ކުރާ ވާހަކަތަކަކާއި ސަރުކާރުގެ ތަރައްޤީ ހުއްޓާލާ ވާހަކައެވެ.