ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަތިގަޑަކަށް ހައްދަވައި، ކޯލިޝަން އުފައްދައި ދެމެހެއްޓީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުކަމަށް ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ކަފާލާތުގެ ދަށުން މިރޭ މިނިވަންވެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ފަރުދާގެ ފުރަގަހުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވީ އިންތިހާބީ ރައީސް އިބޫ ކަމަށާއި، ކޯލިޝަން ދެމެހެއްޓުމަށް އިބޫ އިސް ދައުރެއް އަދާ ކުރެއްވި ކަމަށެވެ.
ފާރިސް ވިދާޅުވީ ރައްޔިތުން ކުރެއްވި މަސައްކަތާއި ދެއްކެވި ސާބިތުކަމުން މިއަދު ކާމިޔާބީ ލިބިގެންދާއިރު މިދުވަސް އަންނާނެކަމުގެ ޔަގީންކަން އަބަދުވެސް އޮތް ކަމަށެވެ. އަދި ގައުމު ހަމަމަގަށް އެެޅުވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެކު ދެގޮތެއް ނުވެ ސާބިތުކަމާއި އެކު ދެމި ހުންނަވާނެކަމަށެވެ.
ފާރިސް ވިދާޅުވީ މި ކޯލިޝަން ބަދަހި ކޯލިޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހުރިހާ ލީޑަރުންނާއި އެކު މަސައްކަތް ކުރައްވާނެކަމަށެވެ.
އަދި ރާއްޖޭގެ ރައްޔިތުން އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި މިއީ ފަސް އެނބުރި ބަލަންޖެހޭ ވަގުތެެއް ނޫން ކަމަށާއި އިބޫއަށް ވޯޓު ނުދެއްވި ބޭފުޅުންނާއި މެދުވެސް އެއްވެސް ހިތް ބުރަކަމެއް ނުބޭއްވުމަށެވެ.
ފާރިސް ވަނީ ރައީސް ޔާމީންގެ ސަޕޯޓަރުންނާ ދިމަޔަށް ވެސް ބަދު ބަސްތައް ނުބުނުމަށް އެދިވަޑައިގެންފައެވެ.