ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަން އިމާރާތާއި އެކޮމަޑޭޝަން ބްލޮކް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސަވިސް އާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީއެންޑްސީ) އެކު ސޮއިކޮށްފި އެވެ.
މޯލްޑިވްސް ޕޮލިސް ސަވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސިސްޓެންޓް ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ސާދިޤު އެވެ. އަދި އާރްސީއެންޑްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އިބްރާޙިމް ރަޝީދެވެ.
މި އެއްބަސްވުމަކީ ފުލުހުން އަތޮޅުތެރޭގައި ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ އިތުރުން އަތޮޅުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އެކޮމަޑޭޝަންގެ މައްސަލަ އަށް ލުއެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ސޮއި ކުރެވުނު އެއްބަސްވުމެކެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ތިން ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކުގެ އިތުރުން ދެ ފަންގިފިލާގެ ޕޮލިސް ސްޓޭޝަނެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް އިމާރާތް ކުރާ ޕޮލިސް ސްޓޭޝަނަކީ ޒަމާނީ ފެންވަރަށް ފަރުމާ ކުރެވިފައިވާ ސްޓޭޝަނަށް ވާއިރު ސްޓޭޝަން ފަރުމާކޮށްފައި ވަނީ ފައިނޭންސް ޑިޕާޓްމަންޓްގެ އިންފްރާސްޓްރަކްޗަ ޔުުނިޓްގެ ފަންނުވެރި ފަރުމާ ކުރުންތެރިންނެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހިއްސާ އޮންނަ އާރްސީއެންޑްސީ އާ މި ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ 12.3 މިލިއަން ރުފިޔާ އަށެވެ.