Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އީސީ ޝަރީފްގެ އޯޑިއޯ ކޯލެއް ލީކުވެއްޖެ

އީސީގެ ރައީސް އަހްމަދު ޝަރީފް - ފޮޓޯ: ޓްވިޓާ (އީސީ)

އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް އޯޑިއޯ ކޯލެއްގައި ދެއްކެވި ވާހަކަތަކެއް ލީކުވެއްޖެ އެވެ. އެ އޯޑިއޯ ލީކުކޮށްލާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަށް ސަޕޯޓްކުރާ ޕީޕީއެމް އެކްޓިވިސްޓެކެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވެސް ވަނީ އެ އޯޑިއޯ ޝެއަރ ކުރައްވާފައެވެ.

އެ އޯޑިއޯ އިވިގެންދަނީ ޝަރީފް އާއި އެހެން މީހަކާއި ދެމެދު ފޯނު ކޯލެއްގައި ދެކެވޭ ވާހަކަތަކެކެވެ.

އެ މީހާ އެންމެ ފުރަތަމަ ބުނީ ޝަރީފް ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ބިރުގަނެއްޖެ ކަމަށާއި، ވަރަށް ގިނަ މީހުން އޭނާ އަށް ގުޅާފައި އެއްޗެހި ކިޔަމުންދާ ކަމަށެވެ. "ރައީސް ކައިރީ ބުނީތަ؟" އެ މީހާ ސުވާލުކުރެއެވެ. އެހެންނަމަވެސް އެއީ ކޮން ވާހަކައެއް ކަމެއް އެ ކޯލަކުން ނޭނގެއެވެ.

"ނޫނެކޭ އަހަރެން ކައިރީގައި އަކްރަމް ސުވާލުކުރީ ސަރ އޭނަ ކައިރީ ސުވާލު ކޮށްފިއޭ ކިޔާފައި"، ޖަވާބުގައި ޝަރީފް ވިދާޅުވެއެވެ.

ކާކުކަން ނޭނގޭ މީހާ ދެން ބުނަނީ "އޭނަޔާ" ވާހަކަ ދަައްކާކަށް ނުކެރޭނެ ކަމަށާއި، ރައީސް އޭނާ އަށް މެސެޖެއް ވެސް ނުކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ޝަރީފް އާއި ގުޅިގެން "ނުބަޔެއް" ހަދައިގެން އުޅޭ ކަމަށާއި، އެކަމާ ކަންބޮޑުވާ ކަމަށް ވެސް ކާކުކަން ނޭނގޭ މީހާ ބުނެއެވެ. އެކަމުގެ ޖަވާބެއްގެ ގޮތުގައި ޝަރީފް ވިދާޅުވަނީ އެކަމާ ހާސްވާނެ ކަމެއް ނެތް ކަމަށާއި، އެއީ ދަންނަ ކަމަކަށްވެސް ނުހެދުމަށެވެ. އަދި އެކަމަކީ ހެއްކެއް ނެތް ކަމަކަށް ވާތީ އެކަން ފުލުހަށް ހުށަހަޅައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ މިހާރު ސަރ އެހެރީ ކޮންމެ ގޮތެއް ހަދާފަވެސް ކޮންމެސް މީހަކު މައިތިރިކޮށްލައިގެން މީތި އަނެކަތިކުރަން. އެއްގޮތަކަށްވެސް އެނގޭ ކަމަށް ނުހަދާތި. ކައެ ކައިރީ ބުނަންތަ ވާހަކައެއް. އެކަމާ ހާސްވާނެ ކަމެއްނެތް އިނގޭ"، ޝަރީފް ވިދާޅުވެ އެވެ.

"އާން ޔަޤީން. އެހެންނޫނީ މަގޭ ދުވަސް ދާނީ"، ކާކުކަން ނޭނގޭ މީހާ ބުނެއެވެ.

"މަ މިދޭތެރެއަށް ނުވައްދައްޗޭ. ހަނދާން ކުރައްޗޭ، މަގޭ ދުވަސް ގޮސްދާނެ"، އިތުރު މީހަކު ބުނާ އަޑު އިވެއެވެ.

ޝަރީފް ވަނީ ވަޓްސްއެޕުން ނޫނީ ނުގުޅުމަށް ވެސް އެމީހުންނަށް އަންގާފައެވެ.

ރައީސް އަބްދުﷲ ޔާމީން އަށް ނިސްބަތްކުރައްވާ ވެސް ޝަރީފް ވަނީ އޯޑިއޯގައި ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ކޮންމެފަދަ ކަމެއްގައި ވެސް ރައީސް މީހަކު "ޤުރުބާން" ކޮށްފާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން "އައްޑޫލައިވް" އިން ޝަރީފް އާއި ގުޅުމުން ޝަރީފް ޖަވާބެއް ނުދެއްވަ އެވެ.

ޝަރީފްގެ އެކައުންޓަށް 5.4 މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޑޮކިއުމެންޓްތަކަކީ ވެސް ހުސް ބުހުތާން ދޮގު ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.