Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ވޯޓު އޮޅުވާލިކަމަށް ބުނެ ޕީޕީއެމް އިން މިރޭ މުޒާހަރާ ކުރަނީ

މިދިޔަ މަހު ބޭއްވި ޕީޕީއެމްގެ ބޮޑު ޖަލްސާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން މިރޭ މުޒާހަރާއެއް ބޭއްވުމަށް ރާވަމުންދާކަން އެނގިއްޖެ އެވެ.

"ސީއެންއެމް" ނޫހުން ރިޕޯޓްކުރާ ގޮތުގައި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވަނީ މާލޭ، ހ. ހުރަފައިގައި ހިންގާ އެ ޕާޓީގެ އޮފީސް ދޮށަށް އެއްވުމަށް މެމްބަރުންނަށް އަންގާފައެވެ.

ޕީޕީއެމްގެ ޕީޖީ މެމްބަރަކާއި ހަވާލާދީ "ސީއެންއެމް" އިން ރިޕޯޓްކުރާ ގޮތުގައި އެ ޕާޓީގެ ޕީޖީ ވައިބަރ ގްރޫޕުގައި އެ މުޒާހަރާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ.

"އޮޅުވާލި ވޯޓު"ގެ ނަމުގައި ޕީޕީއެމް އިން ބާއްވާ މި މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ގެންދަނީ ޕާޓީގެ އާންމު މެމްބަރުން ގާތުން ވެސް އެދެމުންނެވެ.

23 ސެޕްޓެމްބަރު ގައި ބޭއްވި ރިޔާސީ އިންތިޚާބު، 134،705 ވޯޓާއެކު 58.4% ގެ މެޖޯރިޓީއަކުން ކާމިޔާބު ކުރެއްވީ ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

96،052 ވޯޓާއެކު 41.6%ގެ އަޣްލަބިއްޔަތަކުން އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ ބަލި ޤަބޫލުކުރައްވާ ކަމަށް ރަސްމީކޮށް އިއުލާންކުރައްވާފަ އެވެ.

ޕީޕީއެމް އިން މިރޭ މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުން ދާއިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްގެ އޯޑިއޯ ކޯލެއް ވެސް ވަނީ މިއަދު ލީކުވެފަ އެވެ.