Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އާންމުކޮށް ހުޅުވާލަން ނިންމައިފި

58.40% ގެ މެޖޯރިޓީއެއް ހޯއްދަވައި، ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިބޫގެ ތަރުޖަމާނު، މާރިޔާ އަހްމަދު ދީދީ އެވެ.

އެގޮތުން މާރިޔާ ވިދާޅުވީ އިބޫގެ އެދިވަޑައިގަތުމުގެ މަތިން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށާއި، ހުވާކުރެއްވުމުގެ ރަސްމިޔާތުގެ ކަންކަން އިންތިޒާމު ކުރުމަށް، "އިނޮގްރޭޝަން ކޮމިޓީ"ގެ ނަމުގައި މިހާރު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އަދި އެ ކޮމިޓީގެ މަޤްސަދަކީ ވީހާވެސް ގިނަ ރައްޔިތުންނަށް އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ގޮތް ތަނަވަސްކޮށްދިނުން ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

އިބޫ ހުވާކުރައްވާނެ ކަމަށް ލަފާކުރެވެނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.