Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ސޯޝަލް މީޑިއާގައި ފަތުރަނީ ހަގީގަތެއް ނެތް ވާހަކަތަކެއް: ޝަރީފު

އިލެކްޝަން ކަމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަތަކަކީ ހަގީގަތެެއް ނެތް ވާހަކަތަކެއް ކަމަށް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބަލިވުމާއި ގުޅިގެން އީސީގެ ރައީސް ރިޝްވަތު ނަންގަވާފައިވާކަމުގެ ލިޔެކިއުންތަކެއް ދަނީ ދައުރުވަމުންނެވެ.

"އޮޅުވާލި ވޯޓު"ގެ ނަމުގައި އެކި އެކި ލިޔެކިއުން ދައުރުވަމުންދާއިރު ޝަރީފުގެ އޯޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައެވެ. އެ އޯޑިއޯ ސޮޝަލް މީޑިއާގައި ޝެއާ ކުރައްވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ވިދާޅުވީ "މާތްކަލާކޯ، މިއީ ކޮންފަދަ ކަމެއް؟" ކަމަށެވެ.

ޝަރީފް މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަންކަން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅުއްވާނެކަމަށެވެ.

ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ހުރިހާކަމެއްވެސް ދިޔައީ ވަރަށް އަމާންކަމާއި، ސުލްޙަވެރިކަމާ އެކުގައިކަން އިންތިޚާބު މޮނިޓަރކޮށް އޮބްޒާވްކުރުމުގައި ހަރަކާތްތެރިވި ރާއްޖެއާއި، ބައިނަލްއަޤްވާމީ އޮފިޝަލުންވެސް ފާހަގަކޮށްފައިވާކަމަށެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ އިއްލާންކޮށްފައިވާ އިރު ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ޝަރީފު ވިދާޅުވިއެވެ.