Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އިންތިޚާބާ މެދު ސުވާލު އުފައްދާ މީހުންނަށް މަހޭގެ ޗެލެންޖެއް!

އަހުމަދު މަހްލޫފު، ފޮޓޯ: އަވަސް

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުން ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހަށް ކާމިޔާބުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާ ބޭފުޅުން ބަހުސަކަށް ވަޑައިގަތުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވާލައިފިއެވެ.

މަހްލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި އަލި އަޅުވާލާފައިވަނީ ޕީޕީއެމުން، އިންތިޚާބުގެ ނަތީޖާ އީސީން އޮޅުވާލާފައިވާ ކަމަށް ބުނެ ކުރަމުންދާ މުޒާހަރާއަށެވެ. ޕީޕީއެމްގެ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ނިކުމެ އީސީގެ ރައީސް އަހުމަދު ޝަރީފް ހައްޔަރުކުރުމަށް މާލޭގެ މަގުމަތީގައި ގޮވަން ވަނީ ފަށާފައެވެ.

މަހްލޫފް ވިދާޅުވީ މިމައުޟޫއަށް ބަހުސް ކުރައްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ލަދުގަންނަވާލާނެ ކަމަށެވެ. އަދި ކެރިވަޑައިގަންނަވާ ކަމަށް ވާނަމަ ބަހުސްއަކަށް ވަޑައިގަތުމަށާއި، އީސީން ރައީސް ޔާމީނަށް ކޮށްދިން ކަންކަން ކިޔާ ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ސަޕޯޓަރުން އީސީގެ ރައީސް ޝަރީފް ހައްޔަރުކުރުމަށް ގޮވާލާފައިވާއިރު ޝަރީފްގެ ފޯނު ކޯލެއްވެސް މިއަދު ވަނީ ލީކު ވެފައެވެ. ނަމަވެސް ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަކަތަކުގެ ހަގީގަތެއް ނެތް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ހައްޔަރުކުރަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އިންތިޚާބަށް ފަހު ޝަރީފް ވިދާޅުވެފައިވެއެވެ.