Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ރައްޔިތުންގެ އަޑު އިއްވައިފި، އެ އަޑު އެހުމަކީ އެންމެންގެ ޒިންމާއެއް: ޝަރީފް

އީސީގެ ރައީސް އަހްމަދު ޝަރީފް - ފޮޓޯ: އަހްމަދު ނާއިމް (އަވަސް)

ރިޔާސީ އިންތިޚާބުގެ ކުރިނާއި ފަހުން ވެސް ދިމާވި ފާޑުކިޔުންތަކާއި ސާބިތުކަމާއެކީ ކުރިމަތިލީ ކަމަށާއި، އޭރުވެސް އަދި މިހާރުވެސް ހުންނަވާނީ އިންސާފުގެ މަގުގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ ޑިމޮކްރެސީއެއްގައި އިންތިޚާބުތަކަކީ ރައްޔިތުންގެ އަޑު ކަމަށާއި، އެ އަޑު ވަރަށް ސާފުކޮށް އިއްވައިފި ކަމަށެވެ. އަދި އެ އަޑު އެހުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވަނީ އޭނާއާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޝަރީފް މިހެން ވިދާޅުވިއިރު، ޝަރީފް ފޯނު ކޯލެއްގައި ދެއްކި ވާހަކަތަކެއް މިއަދު ވަނީ ލީކުކޮށްލާފައެވެ.

މިރޭ ނެރުއްވި ބަޔާނެއްގައި ޝަރީފް ވިދާޅުވެފައި ވަނީ ގިނަ އުނދަގޫތަކާއި ކުރިމަތިވިނަމަވެސް، އީސީގެ ހުރިހާ މެމްބަރުން ވެސް މަސައްކަތް ކުރެއްވީ ވީހާވެސް އިންސާފްވެރި ރިޔާސީ އިންތިޚާބެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

"ނަމަވެސް، އިންތިޚާބުގެ ދުވަސްވަރުވެސް، އަދި ވަކީން ޚާއްސަކޮށް އިންތިޚާބު ނިމި، ވަގުތީ ނަތީޖާ އިޢުލާން ކުރެވުނު ވަގުތުން ފެށިގެން، އަޅުގަނޑާމެދު ހަޤީޤަތާ ޚިލާފު ތަފާތު އެކިއެކި ތުހުމަތުތައްކޮށް، ދޮގު އިލްޒާމް އަޅުވާ، އަޅުގަނޑުގެ އަބުރު ކަތިލުމަށް ަޔަކު ދަނީ ވަރަށް ގިނަ މަސައްކަތް ރޭވުންތެރިކަމާއެކު ކުރަމުންނެވެ."، އެ ބަޔާނުގައި ޝަރީފް ވިދާޅުވެފައި ވެއެވެ.

"މިގޮތުން، ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ އޯޑިއޯއަކީ، އަޅުގަނޑު ފޯނުން ތަފާތު އެކިފަހަރުމަތިން ދައްކާފައިވާ ވާހަކަތައް، އަޅުގަނޑަށް ނޭނގި ރިކޯޑްކޮށް، ވާހަކަތަކުގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ނެރުމަށް އަދި ވަކި ވާހަކައެއް ދޭހަކޮށްދިނުމަށް އެޑިޓްކޮށް، ޑަބްކޮށްފައިވާ އޯޑިއޯއެއްކަން ދަންނަވަމެވެ."، ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވަނީ އެ މައްސަލަ ތަހުޤީޤުކޮށްދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާން ގަސްކުރާ ކަމަށާއި، އެފަދަ ތަހުޤީޤަކަށް ފުރިހަމަ އެއްބާރުލުން ދޭނޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

ޝަރީފް ވިދާޅުވީ މިނިވަން އަދި އިންސާފްވެރި އިންތިޚާބެއްކަމަށް އެތެރެއާއި ބޭރުގެ ފަރާތްތަކުން އިއްތިފާގުވެފައިވާ މި ރިޔާސީ އިންތިޚާބުގައި، އޭނާ އޮޅުވާލުންތަކެއް އޮޅުވާލިކަމަށް، ސާބިތުހިފޭ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ބުނަމުންދާ ކަމާއިމެދު ހިތާމަކުރައްވާ ކަމަށެވެ.

"އަޅުގަނޑު އެ ޕާޓީއަކަށް ކުރިން ނިސްބަތްވާ، އަދި އެ ޕާޓީއަކަށްޓަކައި ނުހަނު ބުރަ މަސައްކަތެއް ކޮށް ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ ޕާޓީ ކަމުގައިވާ ޕީޕީއެމްގެ ލީޑަރޝިޕާއި އާންމު މެމްބަރުން އަޅުގަނޑާމެދު ދެކޭ ގޮތް ކިލަނބުކޮށްލުމަށް، ބަޔަކު ރާވައިގެން ކުރާ މަސައްކަތް ހަރުކަށިކޮށް ކުށްވެރިކުރަމެވެ."، ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފް ވަނީ އޭނާގެ ޒިންމާތައް އަދާކުރުމުގައި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި، ޤާނޫނާއި ޤަވާއިދުގެ ތެރެއިން ނޫން ގޮތަކަށް އިންތިޚާބުގެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

އަދި ޝަރީފް ވިދާޅުވީ އޭނާގެ ޒިންމާތައް އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުންނާނެ ކަމަށާއި، އެކަމުގައި އެންމެންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.