ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ލިބުނީ 96،000 ވޯޓުކަމަށް ގަބޫލު ނުކުރެވޭކަމަށް ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށް ކެމްޕެއިންކޮށް ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މަދު ބަޔަކާއި އެކު ވޯޓު އޮޅުވާލިކަމަށް ބުނެ މާލޭގައި ރޭ ބޭއްވި "މުޒާހަރާ" ގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އިލެކްޝަން ކަމިޝަނަށް ނުފޫޒު ފޯރާފައިވާކަމަށެވެ.
އިލެކްޝަން ކަމިޝަންގެ ރައިސް އަހުމަދު ޝަރީފުގެ ލީކުވެފައިވާ އޯޑިއޯއަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެއޯޑިއޯއިންވެސް އިލެކްޝަނަށް ނުފޫޒު ފޯރާފައިވާ މިންވަރު ސާފުވާ ކަމަށެވެ. އަދި ނުފޫޒެއް ނެތްނަމަ ޝަރީފް އެގޮތަށް ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.
"އޯޑިއޯ ކްލިޕްތަކުގައި ހުރި ވާހަކައިން އެނގޭ [އިލެކްޝަންސް ކޮމިޝަނަށް] ނުފޫޒު ފޯރާފައި ހުރި ކަން ހަމަ ހުރިހާ ރައްޔިތުން ނިންމާނެ ދެއްތޯ. އެއީ ރައީސް ޔާމީން އެކަނި ނިންމާނެ ކަމެއް ނޫން. ހުރިހާ ރައްޔިތުން ވެސް އެ ގޮތަށް ނިންމާނެ،"
އިންތިހާބު ނާކާމިޔާބުވިކަން މީޑިއާގައި ގަބޫލް ކުރެއްވުމަށްފަހު ރޭ ރައީސް ޔާމީން ވަނީ މުޒާހަރާ ކުރިއަށް ގެންދިއުމަށް އެއްވި މީހުންނަށް އަންގަވާފައެވެ. އަދި މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ގޮވާލެއްވިއެވެ.
ރޭ ޕީޕީއެމްއިން އިންތިޒާމް ކުރި "މުޒާހަރާ"އަށް ނިކުތީ މަދު ބައެކެވެ. އެމީހުން އެސްއޯ ފުލުހުން ވަނީ ފޮނުވާލާފައެވެ.
ރޭގެ މުޒާހަރާގެ ބައިވެރިން ވަނީ އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ހައްޔަރު ކުރުމަށް ގޮވާލާފައެވެ.