ރޭ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން، މާލޭގެ މަގުތަކަށް ނިކުމެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ހައްޔަރުކުރުމަށާއި، އިންތިޚާބު ބާތިލުކުރުމަށް ގޮވުމުން ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް އެބޭފުޅުންނަށް ރައްދު ދެއްވައިފިއެވެ.
ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖަވާބުދާރީ ކުރުވާނީ މަގުމަތިން ނޫން ކަމަށާއި އެކަން ކުރާނީ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ކަމަށެވެ. އަދި އެކޮމިޝަނުގެ މެމްބަރުން ތިއްބެވީ ޖަވާބުދާރީ ވާން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އީސީގެ ރައީސް އަހުމަދު ޝަރީފާއި އެ ކޮމިޝަނުގެ މެމްބަރުންގެ އަބުރު ކަތިނުލައި ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ހަބީބް ވަނީ ޕީޕީއެމަށް އިލްތިމާސް ކޮށްފައެވެ.
ރޭ ޕީޕީއެމުން ބޭއްވި އެއްވުމުގައި ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ ލިބުނީ 96،000 ވޯޓު ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އިންތިޚާބުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭތީ ސަޕޯޓަރުން މުޒާހަރާ ކުރުމަށް މަގުތަކަށް ނިކުތުމަށް ގޮވާލާ ކަމަށެވެ.
ނަމަވެސް ފުލުހުން ވަނީ އެސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވެފައެވެ. މުޒާހަރާގައި ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.