Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އިންތިޚާބު ބާތިލުކޮށް އަލުން ވޯޓު ނަގާ: އާރިފް

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރެވޭނެ ކަމަށާއި ވޯޓަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެފައި އެބަހުރި ކަމަށް ބުނެ އިންތިޚާބު ބާތިލުކޮށް އަލުން ވޯޓު ނެގުމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ގޮވާލައިފިއެވެ.

ރޭ ޕީޕީއެމްގެ ރައީސް، ޔާމީން ބައިވެރިވެ ބޭއްވި މުޒާހަރާގައި އިންތިޚާބު އޮޅުވާލުމަށް އީސީ ރައީސް ޝަރީފާއި ކޮމިޝަނުގެ މެމްބަރުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް އަލުން ވޯޓު ނެގުމަށް އާރިފް ގޮވާލާފައިވަނީ ޗެނެލް 13 އަށް ދިން އިންޓަވިއުއެއްގައެވެ.

އޭނާގެ އިތުރުން ރައީސް ޔާމީން ވެސް ވަނި އެމަނިކުފާނަށް ލިބުނީ 96،000 ވޯޓު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފަހު ދުވަހު ރައީސް ޔާމީން ވަނީ ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން، ބަލި ގަބޫލު ކުރައްވާފައިވާ ކަން އިއުލާން ކޮށްފައެވެ.

އަލީ އާރިފްގެ ވާހަކަތަކަށް އީސީގެ މެމްބަރު އިސްމާއިލް ހަބީބް ވަނީ މިއަދު ރައްދު ދެއްވާފައެވެ. ހަބީބް ވިދާޅުވީ އިންތިޚާބު ބާތިލުކުރެވޭނެ ގާނޫނީ ހުއްޖަތެއް އަދި ސަބަބެއް ވެސް ނޯންނާނެ ކަމަށެވެ.