ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ދެ ފަހަރު މަތިން ޖުމުލަ 1.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އަލްޖަޒީރާ ނޫސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަށް މިފައިސާ ޖަމާ ކޮށްފައިވަނީ ކެމްޕޭނަށް ކަން އެނގިފައިވާ ކަމަށެވެ. އަދި މިކަން އެނގިފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެކަން ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވި ސިޓީއަކުން ކަމަށާއި އަލްޖަޒީރާއިން ބުނެފައިވެއެވެ.
އެމްއެމްއޭގެ އެފްއައިޔޫ އިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒްގެ ސަމާލުކަމަށް މިކަން ގެނެސްފައިވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.
މިފައިސާ ޖަމާ ކޮށްފައިވަނީ ދެފަހަރު މަތިން ކަމަށާއި ފުރަތަމަ ފަހަރަށް 648،508 ޑޮލަރު ޖަމާކުރުމަށް ފަހު އޭގެ ފަހުން 810،635 ޑޮލަރު ވަކިން ޖަމާ ކޮށްފައިވާ ކަމަށް ވެއެވެ. އަދި އެފައިސާ ވަނީ ފަހުން ނަގާފައިވާ ކަމަށް ވެސް އަލްޖަޒީރާ އިން ބުނެފައިވެއެވެ.
އަލްޖަޒީރާއިން ވަނީ މިފައިސާ އާ ގުޅޭގޮތުން ބޭންކާ ވެސް ސުވާލުކޮށްފައެވެ. ބޭންކުން ބުނެފައިވަނީ ފައިސާ ޖަމާކުރީ އަމިއްލަ ކުންފުނިތަކާއި އެހެނިހެން ފަރާތްތަކުން ކަމަށެވެ.