Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ފައިސަލް، ޝެއިޚް އިމްރާން އާއި ބައްދަލުކުރައްވައިފި

ފައިސަލް، ޝެއިޚް އިމްރާން އާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމް، އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން އަބްދުﷲ އާއި ބައްދަލުކުރައްވައިފި އެވެ.

ފައިސަލް، ޝެއިޚް އިމްރާން އާއި ބައްދަލުކުރެއްވީ އޭނާގެ ގެއަށް ވަޑައިގެންނެވެ. ޓެރަރިޒަމްގެ ކުށުގައި، އިއްވި 12 އަހަރުގެ ހުކުމާއެކު މާފުށީ ޖަލުގައި ހައްޔަރު ކުރި އިމްރާން ގޭ ބަންދަށް ބަދަލުކުރީ މި އަހަރުގެ ޖޫން، 26 ގަ އެވެ.

ފައިސަލް، އިމްރާން އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގެ ތަފްސީލެއް ޕާޓީތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމެއް އިމްރާނަށް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ކުރި ދައުވާގަ އެވެ. އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ނިންމީ އިމްރާނާ އެއްކޮޅަށެވެ.

އިމްރާން ވަގުތުން މިނިވަންކޮށް، މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ޔޫއޭން ވޯކިން ގްރޫޕުން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ.

އަދި މި ހަފްތާގެ ތެރޭގައި ޝެއިޚް އިމްރާންގެ ބަންދާމެދު ގޮތެއް ނިންމާނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.