ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާނެ ކަމަށާއި އެއީ ގާނޫނާއި ޚިލާފަށް ކުރި ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.
މިއަދު އަލްޖަޒީރާއިން އާންމު ކުރި ރިޕޯޓެއްގައި ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެފައިވާތީ އެކަމާ ގުޅިގެން މުއާޒު ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕޭނަށް ޚާއްސަ އެކައުންޓެއް ހުޅުވުނު ކަމަށެވެ.
އަދި އެއެކައުންޓަށް ގަވާއިދުން ފައިސާ ވަދެ، ނިކުމެ ހަދާކަމަށާއި އެއިން އެއްވެސް މުއާމަލާތެއްގައި ގާނޫނާ ޚިލާފު ކަމެއް ހިނގާފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާމިކް ބޭންކުގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ދެ ފަހަރެއްގެ މަތިން ޖުމުލަ 1.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު އަލްޖަޒީރާ އިން ހާމަކޮށްފައިވާ ގޮތުގައި އެ ފައިސާއަކީ އަމިއްލަ ކުންފުނި ތަކުންނާއި އެހެނިހެން އަމިއްލަ ފަރާތްތަކުން ރައީސް ޔާމީންގެ ކެމްޕޭނަށް ޖަމާކުރި ފައިސާ ކަމަށް ބޭންކުން ބުނެފައިވާ ކަމަށެވެ.