ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަށް މަސް ދުވަސް ޖަލު ބަންދުގައި ހޭދަކުރެއްވުމަށް ފަހު މިނިވަން ވުމުން، އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެމަނިކުފާނާ ބައްދަލުކުރައްވައިފިއެވެ.
މައުމޫންގެ އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ ގައުމުގެ ހާލަތާ މެދު މަޝްވަރާ ކުރައްވާފައެވެ. އަދި ބައްދަލުވުން ނިމުމުން ރައީސް މައުމޫނާއި އިބޫ ވަނީ މީޑިޔާއާ ބައްދަލުކުރައްވާފައެވެ.
މިބައްދަލުވުމުގައި އިންތިޚާބީ ރައީސް އިބޫ ސޯލިހް ވަނީ ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށް ސާބިތުކަމާއެކު ކަމާ ބެހޭ އިދާރާތަކުން ތިއްބެވުމަށް އިލްތިމާސް ކުރައްވާފައެވެ. އިބޫ މިހެން ވިދާޅުވެފައިވަނީ އިންތިޚާބު ބާތިލުކުރަން ޕީޕީއެމުން ރޭ ގޮވާލުމާ ގުޅިގެންނެވެ.
ރައީސް ޔާމީން އަދިވެސް ބަލި ގަބޫލުނުކުރައްވާތީ އެމަނިކުފާނުގެ ބޭބޭފުޅު، ރައީސް މައުމޫން ވަނީ ބަލި ގަބޫލުކުރައްވައި ހިނިތުންވެވަޑައިގަތުމަށް މި ބައްދަލުވުމުގައި ކޮއްކޯފުޅަށް ނަސޭހަތްތެރިވެފައެވެ. އަދި އިންތިޚާބުގެ ނަތީޖާއާ މެދު ޝައްކު އުފެއްދުމަށް އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރުމަށް މައުމޫން ވަނީ ގޮވާލާފައެވެ.