އެމްއެމްއޭގެ ފައިނޭޝިއަލް އިންޓެލިޖެންސް ޔުނިޓުން ރައީސް ޔާމީންގެ "މަނީ ލޯންޑަރިން" މައްސަލައެއް ފުލުހަށް ހުށައަޅާފައިވަނިކޮށް، އެ ޔުނިޓުގެ ހެޑް މަގާމުން ދުރުކުރުމަށް ފަހު އަނބުރާ ނަގައިފިއެވެ.
މިމަހުގެ 13 ވަނަ ދުވަހު އެމްއެމްއޭގެ ތެރޭގައި މަނީ ލޯންޑަރިން އަދި ކޮރަޕްޝަނުގެ މައްސަލަ ބަލާ މިނިވަން ޔުނިޓް، އެފްއައިޔޫ އިން ވަނީ އޭރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒްއަށް މައްސަލައިގެ ހޯދުންތަކާއެކު ސިޓީއެއް ފޮނުވާފަައެވެ.
އަދި އެ މައްސަލަ ފެންމަތިވުމުން އެފްއައިޔޫގެ ހެޑް ވަނީ ވަގުތުން މަގާމުން ދުރުކޮށްފައެވެ. މިއަދު އެމައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް މިފަދަ މައްސަލައެއް ހުށައެޅުމުން މައްސަލައިގެ ތަފްސީލު ހޯދުމަށް އެމްއެމްއޭ ގަވަރުނަރަށް ގުޅުއްވި ކަމަށެވެ.
އަދި އެފްއައިޔޫ އިން އެފަދަ ސިޓީއެއް ފޮނުވާފައިވަނީ ގަވަރުނަރަށް ނޭނގި ކަމަށާއި މިހާރު އެމައްސަލަ އަނބުރާ ނަގާފައިވާ ކަމަށް ގަވަރުނަރު އެންގި ކަމަށް މުއާޒް ވިދާޅުވިއެވެ.
އޭނާ ވަނީ ރައީސް ޔާމީންގެ ކެމްޕޭނަށް ރާއްޖެއިން ބޭރުން އެއްވެސް ފައިސާއެއް ޖަމާ ކޮށްފައިނުވާނެ ކަމަށާއި ގާނޫނާ ޚިލާފު މުއާމަލާތެއް ހިންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.