Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

އުރީދޫ "ކަލާ ރަން" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން ބާއްވާ ކުލަގަދަ މިއަހަރުގެ "ކަލާ ރަން" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިއަހަރުގެ ކުލަގަދަ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

މިއަދުން ފެށިގެން މިމަހުގެ 15 ވާ ހޯމަ ދުވަހަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ރަޖިސްޓްރީ ވުމަށް އުރީދޫއިން ވަނީ އޮންލައިން ޕޯޓަލްއެއް ހުޅުވާލާފައެވެ.

ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓު ކުރުމަށް އުރީދޫން ކޮންމެ އަހަރަކުވެސް ބާއްވާ މި ދުވުމުގައި ކޮންމެ އަހަރަކުވެސް އާ ކަންތައްތަކެއް ތައާރަފް ކުރެއެވެ. އެގޮތުން މިއަހަރު އެކުންފުނިން ވަނީ މިހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށް ދުވުން ފެށުމުގެ ކުރިން މަޑި އެރުވުމުގެ ޕްރޮގްރާމެއް ވެސް ހިމަނާފައެވެ.

މީގެ އިތުރުން ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ރީއްޗަށް ހެދުން އަޅާ ދުވުންތެރިޔާ، އަދި އެންމެ މަޖާ ދުވުންތެރިޔާ ހޮވައި އިނާމު ދިނުމަށް ނިންމާފައިވެއެވެ.

އުމުރުން 7 އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ މިދުވުމަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. 12 އަހަރުން ދަށުގެ ކުދިން ބައިވެރިވާނަމަ ބެލެނިވެރިޔެއް ހުރުމަކީ ބައިވެރިވުމުގެ ޝަރުތެއް ކަމަށް ވެސް އުރީދޫން ބުނެފައިވެއެވެ.