Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

އިބޫ ޔާމީނަށް: ގައުމު ހަލަބޮލި ކުރާކަށް ފުރުސަތެއް ނުދެވޭނެ

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން މީހުން މަގުތަކަށް ނެރެ ގައުމު ހަލަބޮލި ކުރާކަށް ފުރުސަތެއް ނުދެވޭނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ އިންތިހާބްގެ ނަތީޖާ ގަބޫލުކޮށް އިދިކޮޅު ފަރާތެއްގެ ގޮތުގައި އަންނަ ފަސް އަހަރު ހުންނަވާނެކަމަށް ވިދާޅުވުމަށްފަހު މިހާރު ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.

"އިންތިހާބު މިވަނީ ނިމިފައި، ނަތީޖާ މިވަނީ އިއްލާން ކުރެވުފައި، ރައްޔިތުންގެ ނިންމުން މިއަދު ވަރަށް ސާފުކޮށް އެނގެން އެބައޮތް، އާދެ މިއަދު އަޅުގަނޑުމެންނާއި، އަޅުގަނޑާއި ވާދަކުރެއްވި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެކަން ގަބޫލްފުޅު ކުރައްވާފައި، އިންތިހާބުގެ ނަތީޖާ ގަބޫލްފުޅު ކުރައްވާ އޮޕޮޒިޝަނެއްގެ ގޮތުގައި، ވާދަވެރިއެއްގެ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވުމަށްފަހު އަނެއްކާ އިއްޔެ އެމަނިކުފާންގެ ހިޔާލުފުޅު ބަދަލުވެގެންދާތަން މިފެންނަނީ، އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއި އެކުގައި ރައިސް ޔާމީނަށް މިއަދު ދަންނަވާލަން ބޭނުންވަނީ އެމަނިކުފާން އިސްވެ ހުންނަވައިގެން މާހައުލު ހަލަބޮލި ކުރައްވަން ނޫޅުއްވާށޭ، އެކަމަށް އަޅުގަނޑުމެންވެސް އަދި ރައްޔިތުންވެސް ތިބީ ޖާގަދޭކަށެއް ނޫން"

އިބޫ ވިދާޅުވީ ގައުމުގެ ކަންކަން ހަމަމަގަށް އެޅުވުގެ ޒިއްމާ މިއަދު އޮތީ ސަލާމަތީ ހިދްމަތްތަކުގެ އަތްމަތީގައިކަމަށާއި އެފަރާތްތަކުން އެކަން ބަރާބަރަށް ކުރައްވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ރައީސް ޔާމީން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލް ނުކުރައްވާފަދަ މޭރުމަކުން ރޭ ވާހަކަފުޅު ދައްކަވާފައެވެ. ޕީޕީއެމް އޮފީސް ކައިރިއަށް މީހުން އެއްކޮށް އިސްކޮށް ހުންނަވައިގެން ރައީސް ވަނީ އިހްތިޖާޖު ކުރުމަށް ގޮވާލާފައެވެ. ރައީސް ޔާމީން މިގޮތަށް ގޮވާލިއިރު މާލޭ މަގުތަކުގައި މުޒާހަރާ ކުރުން މި ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް ހުއްދަ ހޯދުމެއް ނެތި މުޒާހަރާ ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ.