Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ރައީސާއި ގުޅޭ ގޮތުން ފޮނުވި މައްސަލަ ނުނަގާ: އެފްއައިޔޫ

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑްރިން މައްސަލަ ތަހްގީގުކޮށްދިނުމަށް އެމްއެމްއޭގެ ފައިނޭޝިއަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ފުލުހަށް ފޮނުވި މައްސަލަ އަނބުރާ ނުގެންނަ ކަމަށް އެޔުނިޓުން ބުނެފިއެވެ.

ރިޔާސީ އިންތިހާބް ބޯމަތިވެފައިވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ދެފަހަރެއްގެ މަތިން 1.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ. އަލްޖަޒިރާއިން ބުނެފައިވަނީ އެޑޮލަރު ޖަމާކޮށްފައިވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ.

މިވާހަކަތަކާއި ގުޅިގެން ރައީސް ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ ރައީސް އާއި ގުޅުން ހުރި މައްސަލައެއް ފުލުހަށް ހުށަހެޅުމާއި ގުޅިގެން އެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު ތަފްސީލް ހޯއްދަވަން އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރަށް، ރައީސް ޔާމީން ގުޅުއްވި ކަމަށެވެ. އެފްއައިޔޫ އިން ފުލުހުންނަށް ސިޓީއެއް ފޮނުވި ނަމަވެސް އެއީ އޭނާ އަށް އެނގިވަޑައިގެން ހިނގާފައި އޮތް ކަމެއް ނޫން ކަމަށް ގަވަރުނަރު ރައީސަށް ދެންނެވި ކަމަށެވެ.

މުއާޒު ވިދާޅުވީ އެފައިސާގެ މައުލޫމާތު ހިއްސާ ކުރެއްވުމުން އެ ސިޓީ ފުލުހުން އަތުން އެމްއެމްއޭއިން ނަގާފައިވާ ކަމަށެވެ.

މިއަދު ހަވީރު އެމްއެމްއޭގެ މީޑިއާ އޮފިޝަލް މުހައްމަދު ނާސިހު މެދުވެރިކޮށް އެފްއައިޔޫން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ޔުނިޓުން މިހާތަނަށް 131 މައްސަލަ އެއްް ބަލާފައިވާ ކަމަށާއި މިހާތަނަށް ދައުލަތުގެ އެއްވެސް މުވައްސަސާއަަކަށް ފޮނުވި ސިޓީއެއް ލިޔުމެއް އަނބުރާ ގެނެސްފައި ނުވާނެކަމަށެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ފުލުހަށް ފޮނުވުމާއި ގުޅިގެން އެފްއައިޔޫގެ ވެރިޔާ ވަނީ ބަދަލުކޮށްފައެވެ.