Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

އޮމާންކަމާއި އެކު ވެރިކަން ބަދަލު ނުކުރެވޭ ނަމަ ޔާމީން ދުރުކޮށް ޖިހާދާއި ހަވާލު ކުރަންޖެހޭ: ނަޝީދު

ވެރިކަން ބަދަލު ކުރުމުގެ ކަންކަން އޮމާން ކަމާއި އެކު ނުގެންދެވެނީނަމަ ރައީސް ޔާމީން ވެރިކަމުން ދުރުކޮށް ނައިބް ރައީސް ޖިހާދުގެ ބެއްލެވުމުގެ ދަށުން ކަންކަން ކުރިއަށް ގެންދިއުން ބުއްދިވެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވުމާއި ގުޅިގެން ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެގޮތުން ގާނޫނުން ލާޒިމް ކުރާ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއަށް ސީވީޑު ލަޠީފު އައްޔަންކޮށް ޕާމަނަންޓު ސެކެޓްރީންގެ ބެއްލެވުމުގެ ދަށުން މަސައްކަތް ވަނީ ފެށިފައެވެ.

ވެރިކަން ބަދަލު ކުރުމުގެ ކަންކަން އޮމާން ކަމާއި އެކު ނުދާނަމަ ރައީސް ޔާމީން ވެރިކަމުން ދުުރުކުރަން ޖެހޭކަމަށް ނަޝީދު ވިދާޅުވިއިރު އިންތިހާބުގެ ނަތީޖާ ގަބޫލް ނުކުރާ ފަދަ މޭރުމަކުން ރައީސް ޔާމީން ދަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މަގުތަކަށް މީހުން ނިކުތުމަށް ގޮވާލާފައިވާ އިރު މިއަދުވެސް ޕީޕީއެމްއިން ވަނީ އިލެކްޝަން ކަމިޝަނަށް އިންތިހާބު އޮޅުވާލާފައިވާކަމަށް ތުހުމަތުކޮށްފައެވެ.

ޕީޕީއެމްއިން މިހާރު ދައްކާ ވާހަކަތަކަށް ބަލާއިރު އިންތިހާބު ބާޠިލް ކުރަން ކޯޓަށް ހުށަހެޅުންވެސް ކައިރިއެވެ.