ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާއާ ގުޅޭގޮތުން މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ބޮލުގައި އެކިކަހަލަ ތުހުމަތު އަޅުވައި އެކޮމިޝަންގެ މެމްބަރުންގެ އަގު ވައްޓަމުން ދަނިކޮށް މިއަދު ނެރުނު ބަޔާނެއްގައި އީސީން ބުނީ އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ޝަކުވާއެއް ހުށައަޅާފައިނުވާކަމަށެވެ.
އީސީން ބުނީ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން އެކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންނަށް އެކި ފަރާތްތަކުން އިންޒާރުތައް ދެމުންދާކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން މަސައްކަތްކުރަނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށްކަމަށެވެ.
މިއިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވިގެން ދިޔަ އިންތިހާބުތަކުގެ ތެރެއިން އެންމެ އަވަހަށް ނަތީޖާ އާއްމުންނާއި ހަމައަށް ލިބިގެން ދިޔަ އިންތިހާބް ކަމަށާއި މި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުންނާއި، ބައިނަލް އަގުވާމީ އޮބްޒާވަރުންނާއި، އަދި މޮނީޓަރުން އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ބަލައިގެންފައިވާ ކަމަށެވެ.
އީސީން ބުނީ އެކޮމިޝަނުން މަސައްކަތް ކޮށްފައިވާނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއި އެކު ކަމަށެވެ.
އީސީ ބަޔާން ނެރުމުން ޕީޕީއެމްއިން ބުނެފައިވަނީ ބަޔާނަކުން ނުފުދޭ ކަމަށާއި ކަމިޝަން މެމްބަރުންނާއި މެދު ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށެވެ.