ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ޑައިވިންގ ދޯންޏެއް އަނަންތަރާ ދިގުފިނޮޅު ރިސޯޓުގެ ހުޅަނގު ފަރާތުގައި އޮންނަ ގިރިއަކަށް އަރައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ "އަމިސް ޑެސް މޯލްޑިވްސް" ނަމަކަށް ކިޔާ އެ ދޯނި ފުންކުރުމުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިރޭ 19:19 ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގިއިރު، އެ ދޯނީގައި 24 ފަތުރުވެރިންނާއި ފަޅުވެރިންގެ ގޮތުގައި 6 މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެ ޑައިވިންގ ދޯނީގައި ތިބި ފަތުރުވެރިން "މޯލްޑިވިއަން ޑްރީމް ޓޫ" ނަމަކަށް ކިޔާ ސަފާރީއަށް މިރޭ 19:52 ހާއިރު ނަގާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.
ގިރިއަށް އަރާފައިވާ ޑައިވިންގ ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.