Last Updated: June 10, 00:02
Wednesday, June 10, 2026
ކުޅިވަރު

ޔުނައިޓެޑު އެއްވަރުވެ ސަޕޯޓަރުން މާޔޫސްވެފައި

އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި ވެސް ރޭ ހިތްދަތި ކަން ކުރިމަތިލާން ޖެހިއްޖެއެވެ.

ކުލަބު ދައްކަމުން އަންނަ ދަށް ފޯމަށް އިތުރު ބޮޅެއް އެޅުނީ އޯލްޑް ޓްރެފޮޑްގައި ރޭ ވެލެންސިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. ޔުނައިޓެޑުން ސީޒަނުގެ ފުރަތަމަ މެޗުގައި ލެސްޓާ 1-2 އިން އޮލްޑް ޓްރެފޮޑްގައި ބަލިކުރުމަށް ފަހު އަދި ހޯމްގައި ކުޅުނު އެންމެ މެޗަކުން ވެސް މޮޅެއް ލިބިފައެއް ނުވެއެވެ.

ރޭގައި ކުޅުނު މެޗުގައި ވެސް ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ލަނޑު ޖަހާނެ ހުސް، މާ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ކުޅުންތެރިންނަށް ޓްރެއިނިންގައި ކުރާ މަސައްކަތެއް ދަނޑުމަތިން ނުދެއްކޭއިރު ކޯޗުގެ އިތުރުން ކުޅުންތެރިންނަށް ވެސް ވަނީ ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

މިއީ ފާއިތުވެދިޔަ ހަތަރު މެޗުގެ ތެރެއިން ޔުނައިޓެޑު އެއްވަރުވި ތިންވަނަ މެޗެވެ. އެންމެ ފަހަކަށް ލީގުގައި ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު ވަނީ 1-3 އިން އެއްވަރުވެފައެވެ.

ނަމަވެސް ޔުނައިޓެޑު ވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޔަންގް ބޯއިސް 0-3 އިން ބަލިކޮށްފައެވެ. އޭގެ ސަބަބުން މިހާރު ގްރޫޕުގެ ދެވަނައިގައި ޔުނައިޓެޑު އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. އެއްވަނަ ޔުވެންޓަސް ހޯދާފައިވަނީ ކުޅުނު ދެމެޗު ކާމިޔާބުކޮށް ހަ ޕޮއިންޓުންނެވެ.