އެމެރިކާގެ ސެކިއުރިޓީ ކައުންސިލުން ރާއްޖޭގެ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔައިފިއެވެ.
ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޓުވިޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުން ބަސް އިއްވައިފި ކަމަށާއި އިބޫ ސޯލިހްގެ ވެރިކަމެއްގައި ދިވެހި ދައުލަތާއެކު މަސައްކަތް ކޮށް، ދެގައުމުގެ ދެމެދުގައި ގާއިމުވެފައިވާ އެކުވެރިކަން އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.
އެމެރިކާގެ ސެކިއުރިޓީ ކައުންސިލްގެ އިތުރުން ވެސް ވަރަށް ގިނަ ގައުމުތަކުން ވަނީ އިބޫއަށް މަރުހަބާ ދަންނަވާފައެވެ. ނަމަވެސް މިހާރު ވެރިކަމުގައި އޮތް ޕީޕީއެމުން ގެންދަނީ އިންތިޚާބު ބާތިލުކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އަދި ރޭ އެޕާޓީން ވަނީ އިބޫ އަކީ އިންތިޚާބީ ރައީސް ނޫން ކަމަށް ކަނޑައަޅާ ގަރާރެއް ވެސް ފާސްކޮށްފައެވެ.