Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ނަޝީދާ ގުޅޭގޮތުން ދުންޔާގެ ރާގު ބަދަލުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ހައްޔަރުކުރީ ކުރީގެ ރައީސް ނަޝީދުގެ ސަބަބުން ކަމަށް ވިދާޅުވި، މައުމޫންގެ ދަރިކަނބަލުން އަދި މިސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރ، ދުންޔާ މައުމޫން ރައީސް ނަޝީދާ މެދު ދެކޭ ގޮތް ބަދަލުކޮށް ނަޝީދަށް ތައުރީފް ކޮށްފިއެވެ.

ނަޝީދާއި ބައްދަލުކުރައްވައި ނަންގަވާފައިވާ ފޮޓޯއަކާއެކު ދުންޔާ ވިދާޅުވީ، މާޒީގައި ދެބޭފުޅުން ސިޔާސީ މައިދާނުގެ ދެފަޅީގައި ބައްދަލުވި ނަމަވެސް އަބަދުވެސް ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި ނަޝީދު ކުރެއްވި މަސައްކަތް ބަލައިގަންނަ ކަމަށެވެ.

މާޒީ ހަނދާން ނައްތާލުމަށްފަހު، މިގައުމުގެ ހައްގުގައި މަސައްކަތް ކުރުން މުހިންމު ކަމަށާއި އިންތިޚާބީ ރައީސްއަށް ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭން ޖެހޭ ކަމަށާއި އެކުގައި ކުރާ މަސައްކަތުން ކާމިޔާބު ލިބޭނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

އަދި އަވަސް މުސްތަގުބަލެއްގައި ރައީސް ނަޝީދަށް އެނބުރި ރާއްޖެ ވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ފޭސްބުކް މެދުވެރިކޮށް ދުންޔާ ކުރެއްވި ޕޯސްޓުގައި ލިޔެފައިވެއެވެ.