ރޭ ޕީޕީއެމުން މާލޭގެ މަގުމަތީގައި ބޭއްވި މުޒާހަރާއެއްގައި، ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ، އިންތިޚާބީ ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ބަލައިނުގަތުމަށް ގަރާރެއް ފާސްކޮށްފިއެވެ.
އިންތިޚާބު ގަބޫލުނުކޮށް މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލާފައިވި ނަމަވެސް ފަނަރަ ވަރަކަށް މީހުން ބައިވެރިވި މިމުޒާހަރާގައި މިފަދަ ގަރާރެއް ފާސްކުރުމުން މީގެ މާނައަކީ ކޮބައިތޯ ވަރަށް ގިނަ ރައްޔިތުން ވަނީ ސުވާލު އުފައްދާފައެވެ.
އެގޮތުން ރޭ ފާސްކުރި ގަރާރާއެކު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިބޫ ހުވާކުރުން މަޑު ޖައްސާލުމަށް ޕީޕީއެމުން ގޮވާލިއެވެ. އިންތިޚާބު ބާތިލުކުރަން ކޯޓަށް މައްސަލަ ހުށައަޅަން އުޅޭ ކަމުގެ އަޑު ފެތުރިފައިވާއިރު ޕީޕީއެމުން ރޭ ފާސްކުރި ގަރާރުން ދޭހަވަނީ އެޕާޓީގެ ފަރާތުން އަނެއްކާވެސް ކޯޓަށް މައްސަލަ ހުށައަޅަން އުޅޭ ކަމެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމުން ރަސްމީކޮށް ޕާޓީއާއި ރައީސް ޔާމީންވެސް ބަލި ގަބޫލުކުރުމަށް ފަހު އިންތިޚާބާ މެދު ޝައްކު އުފެދޭ ކަމަށް ވިދާޅުވެ އީސީގެ ރައީސް ހައްޔަރުކުރުމަށް ވެސް އެޕާޓީގެ މެމްބަރުން ވަނީ ގޮވާފައެވެ.
ރިޔާސީ އިންތިޚާބު އޮބްސާވް ކުރުމަށް އެތައް ބަޔަކު ހަރަކާތްތެރިވިއިރު އިދިކޮޅު އޮފިޝަލުންގެ އިތުރުން ޕީޕީއެމްގެ އޮފިޝަލުން ވެސް ވަނީ އެއްވެސް ކިލަނބު ކަމެއް އިންތިޚާބަށް ފޯރާތޯ ފާރަލައިގެން ކައިރިން ބަލަމުންނެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ނެރުނުތާ ހަފްތާއެއް ވީއިރު ވެސް އެއްވެސް ފަރާތަކުން އެއްވެސް ޝަކުވާއެއް ހުށައަޅާފައެއް ނުވެއެވެ.
ދެފަރާތުން ވެސް އިންތިޚާބު ގަބޫލުކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ހިނގާފައިނުވާ ކަމަށް ބުނެފައެވެ. ރާއްޖެއިން ބޭރުގެ ފަރާތްތަކުން ވެސް ދިޔައީ މިމަންޒަރު ގާތުން ބަލަމުންނެވެ.
އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުން އިންތިޚާބު ގަބޫލުކޮށް ކާމިޔާބު ހޯއްދެވި އިބޫ ސޯލިހްއަށް މަރުހަބާ ދަންނަވައި އެކުގައި މަސައްކަތް ކުރަން ބޭނުންވާކަން އިއުލާން ކޮށްފައިވެއެވެ.
ދިވެހި ރާއްޖޭގެ ހުރިހާ ކަމާ ބެހޭ އިދާރާއަކާއި ބޭރު ދުނިޔެ އިންތިޚާބު ގަބޫލުކޮށްފައިވާއިރު މަގުމައްޗަށް ނިކުމެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށް، 14 މީހުން އަތް ނަގައިގެން ފާސްކުރާ ގަރާރެއްގައި ހުރި ބުރަދަނެއް ނިންމާނީ ދިވެހި ރައްޔިތުންނެވެ.