ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ނުނިމުނަސް ނޮވެމްބަރު އެއްވަނަ ދުވަހު ދިވެހި ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ސިޔާސީ ބައެއް ބޭފުޅުން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާއިރު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި ކާނަލް ނާޒިމްގެ މައްސަލަ ވެސް ނިންމައި މިނިވަން ކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ނިންމައި 13 އަހަރު ދުވަހަށް އިއްވި ޖަލު ހުކުމް، އދ. އިން ވަނީ ސިޔާސީ ހުކުމެއްގެ ގޮތުގައި ނިންމައި މިނިވަން ކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް ދިވެހި ސަރުކާރުން އެ ނިންމުމަށް ތަބާވެފައި ނުވި ނަމަވެސް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ އެއްވަނަ ދުވަހު ވަނީ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ކުރި ހުކުމުގައި ނަޝީދުގެ ނަންވެސް ހިމަނާފައެވެ.
އެހެންކަމުން އެ މައްސަލަ އޮތް ގޮތުން ރައީސް ނަޝީދުވެސް ކަފާލާތުގެ ދަށުން މިނިވަން ކުރުމަކީ ގާތް ކަމެއް ކަމަށް ބެލެއެވެ. ނަޝީދު ވިދާޅުވީ ނޮވެމްބަރު އެއް ވަނަ ދުވަހާ ހަމައަށް އެމައްސަލަ ނުނިމުނަސް، ދެން އިތުރަށް ގައުމުން ބޭރުގައި ނުހުންނަވާނެ ކަމަށެވެ.
އަދި ވީގޮތެއް ވާން އެމަނިކުފާނު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށާއި ނޮވެމްބަރު އެކަކީ އެމަނިކުފާނު އެނބުރި ރާއްޖެ އަންނާނެ ދުވަސް ކަމަށެވެ.