ދިވެހި ރާއްޖޭގެ ނައިބު ރައީސް، އަބްދުﷲ ޖިހާދު ޓުވީޓާ އެކައުންޓެއް ބޭނުން ނުކުރައްވާ ކަމަށާއި އެމަނިކުފާނުގެ ނަމުގައި ހަދައިގެން ޓުވީޓު ކުރަމުންދާ އެކައުންޓަކީ އެމަނިކުފާނަށް ނިސްބަތްވާ އެކައުންޓެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.
މުއާޒް މިއަދު ކުރެއްވި ޓުވީޓެއްގައި މިކަން ހާމަކޮށްފައިވަނީ ނައިބު ރައީސް ޖިހާދުގެ ނަމުގައި އޮންނަ ޓުވިޓާ އެކައުންޓަކުން، ނުސީދާ ގޮތެއްގައި ރައީސް ޔާމީނަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.
އެ އެކައުންޓުން ވަނީ ރައްޔިތުންގެ މެދުގައި ނެގޭ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ގަބޫލުކުރައްވަން ޖެހޭ ކަމަށާއި ރީތި ގޮތަކީ އެއީ ކަމަށް ބުނެ ރައީސް ޔާމީން، އިންތިޚާބުން ލިބުނީ 96،000 ވޯޓު ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވުމުން ފާޑުކިޔާފައިވެއެވެ.
އަދި ނައިބު ރައީސް ކަމަށް ހީކޮށް ގިނަ ބަޔަކު ވަނީ އެ ޓުވީޓުތައް ރިޓުވީޓުކޮށްފައެވެ.